27 Jan 2018, 09:49
ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތާ ހިސާބުން ފެށިގެން ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލުމަށްފަހު، ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތު' މިދިޔަ ބުރާސްފަތި ދުވަހު މިވަނީ ސިނަމާ ތަކަށް އައިސްފަ އެވެ.
ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގ ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމާ ދެކޮޅަށް ޝްރީ ރާޖްޕުތު ކަރްނީ ސޭނާ ގްރޫޕުން މަސައްކަތް ކުރަން ފެށީ އެ ފިލްމުގައި ތާރީޚު އޮޅުވާލައިފައިވާ ކަމަށް ބުނެ އެވެ.
އެ ގްރޫޕުން ކުރިއަށް ގެންދިޔަ މުޒާހަރާ ތަކާއި، ފިލްމުގެ ޓީމަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން ފިލްމުގެ ނަމާއި އަދި ވެސް އެހެނިހެން ކަންކަން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.
އެ ގްރޫޕުން ފިލްމު ރިލީޒްކުރުން މަނާކުރަން ގޮވާލަމުން ދަނިކޮށް ފިލްމު ރިލީޒް ކޮށްފައި ވާއިރު، އެ ގްރޫޕުން މިހާރު އަންނަނީ އެއްގަމު އުޅަނދުތަކުގައި ހުޅުޖަހައި، ސްކޫލު ކުދިން އުފުލާ ބަސްތަކަށް ހަމަލާދީ ހަމަނުޖެހުން ހިންގަމުންނެވެ. އަދި ބައެއް ޓިކެޓް ކައުންޓަރުތަކުގައި ވެސް އެ ގްރޫޕުން ވަނީ ރޯކޮށްފަ އެވެ.
އަދި މިހާރު އެ ގްރޫޕުން ވަނީ 'ޕަދްމާވަތު' ރިލީޒް ކުރުމުން އެކަމާ ނުރުހުން ފާޅުކުރުމަށް، ސަންޖޭ ލީލާ ބަންސާލީގެ މަންމަގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމައިފަ އެވެ.
އެ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ފިލްމަށް ކިޔާނީ 'ލީލާ ކީ ލީލާ' ކަމަށެވެ. ފިލްމު ޑައިރެކްޓު ކުރާނީ އަރްވިންދް ވިޔާސް ކަމަށާއި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ގްރޫޕުން ވަނީ ބުނެފަ އެވެ.
އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ފިލްމުގެ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށާއި އަންނަ އަހަރު ފިލްމު ރިލީޒް ކުރާނެ ކަމަށެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ ރާޖަސްތާނުގަ އެވެ.
އެ ގްރޫޕުން ބުނީ އެމީހުންގެ "މަންމަ"، ރާނީ ޕަދްމާވަތީ އަށް ބަންސާލީ ހަޖޫ ޖަހައިފައިވާ ކަމަށާއި، ނަމަވެސް ބަންސާލީގެ މަންމަގެ މައްޗަށް އުފައްދާ ފިލްމަކީ ބަންސާލީ އުފާވާނެ ވަރުގެ ފިލްމަކަށް ވާނެ ކަމަށެވެ.
އަދި ގާނޫނު އަސާސީ އިން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަ އަށް ބޭނުން ކުރާނެ ކަމަށް ވެސް އެ ގްރޫޕުން ބުނެފައިވެ އެވެ.