26 Jan 2018, 20:52
ކުޅުންތެރިން އިތުބާރު ނުކުރާނަމަ ރެއާލް މެޑްރިޑްގެ ކޯޗުކަމުން އިސްތިއުފާ ދޭން ތައްޔާރު ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
މިދިޔަ ދެ ސީޒަންގައިވެސް ޒިދާންގެ ކޯޗުކަމުގެ ދަށުގައި ރެއާލްއިން ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، މި ސީޒަންގައި ޒިދާންވަނީ ހޫނު ފެނަށް ވެއްޓިފައެވެ. ލީގު ތާވަލުގެ ހަތަރުވަނައިގައި ރެއާލް އޮތްއިރު މިދިޔަ ހަފްތާ ތެރޭގައި ކޮޕާ ޑެލްރޭއިންވެސް ކަޓާ ޒިދާންއަށްވަނީ އިތުރަށް ޕްރެޝަރުވެފައެވެ.
ރެއާލްއިން މާދަމާ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ ކުޅުންތެރިން އޭނާއަށް އިތުބާރު ނުކުރާނަމަ ޓީމުގައި އެންމެ ހިނދުކޮޅެއްގައިވެސް ނުހުންނާނެ ކަމަށެވެ. އަދި އޭނާ ގަބޫލުކުރަނީ ކުޅުންތެރިން އޭނާއަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި، ސީޒަންގެ ނަތީޖާތަށް ރަނގަޅު ކުރުމަށް އެއީ ކުރަން މުހިއްމު ކަމެއް ކަމަށްވެސް ޒިދާން ބުންޏެވެ.
ޒިދާން ބުނީ ފުޓުބޯޅައިގައި ބަލިވާ މެޗުތަކާއި އުނދަގޫ ދުވަސްތައްވެސް އަންނާނެ ކަމަށާއި، ދެން ކުރަން ޖެހޭނެ ކަމަކީ ދިމާވާ ކަންތައްތަކާ ކުރިމަތިލާ އެކަންކަން ހައްލުކުރުން ކަމަށެވެ. އަދި ޒިދާން ބުނީ ރެއާލްގެ ޓީމަށް އޭނާ ފުރިހަމައަށް އިތުބާރު ކުރާ ކަމަށާއި، އެއްވެސް މީހަކަށް ކުރިމަތިވާ ޗެލެންޖަށް ފުރަގަސްދީގެން ކާމިޔާބުނުވާނެ ކަމަށެވެ.
ޒިދާން އިތުރަށް ބުނީ އޭނާ ކުރަންޖެހޭ މަސައްކަތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ކޮންމެ ދުވަހަކުވެސް އޭނާ މަސައްކަތް ކުރާނީ އެދުވަހަކު ކުރަން ޖެހޭ މަސައްކަތް ކަމަށެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއާލްގެ މުހިއްމު ކުޅުންތެރިންތަކެއް ކަމަށްވާ އަލްވާރޯ މޮރާޓާއާއި ހަމޭސް ރޮޑްރިގޭޒް އަދި ޕެޕޭއާއި ޑެނީލޯ ފަދަ ކުޅުންތެރިން ވިއްކާލުމުން ގިނަ ސްޕޯޓަރުންތަކެއްވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މި ސީޒަންގައި ރެއާލްއިން ފެންނަމުންދަނީވެސް ފުރަތަމަ 11 އަށް ކޮންމެ މެޗަކަށްވެސް ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅޭތަނެވެ.
ޓްރާންސްފާ ސީޒަންގައި ހެދުނީ ގޯސްތަކެއްތޯ ސުވާލު ކުރުމުން ޒިދާން ބުނީ، އެއީ ނިމިފައިވާ ދުވަސްތަކެއް ކަމަށާއި، ސްކޮޑާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި މިހާރު ރެއާލްގައި އޮތް ސްކޮޑަކީ މުސްތަގުބަލުގައި ވިދާލާނެ ސްކޮޑެއް ކަމަށްވެސް ޒިދާން ފާހަގަކުރިއެވެ.