ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ޕަދްމާވަތް އަކީ ފަހުގެ ތާރީހެއްގައި އިންޑިއާގައި އަޅުވަން މަސައްކަތް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލަތައް ކުރިމަތިވި ފިލްމެވެ.

އެތައް މައްސަލަތަކެއް ކަޑައްތު ކުރުމަށްފަހު އެންމެ ފަހުން މިފިލްމު މިމަހުުގެ 25 ގައި މިވަނީ ރިލީޒްކޮށްފައެވެ. ފިލްމުގެ ލިމިޑެޓް ސްކްރީނިން އެއް 24 ވަނަ ދުވަހު ބާއްވާފައިވެއެވެ.

ހަމަނުޖެހުންތަކާއި އިންޒާރުތަކުގެ ސަބަބުން ބައެއް ސިނަމާތަކުގެ ފިލްމު އަޅުވައިފައެއް ނުވެއެވެ.

ބޮޑެތި ގޮންޖެހުންތަކާއެކު އެޅުވި ޕަދްމާވަތް އަށް ބުދަ އަދި ބުރާސްފަތި ދުވަހު ލިބުނު އާމްދަނީ 24 ކްރޯޑު ރުޕީސް އަށް އަރައެވެ. އެގޮތުން ލިމިޓެޑް ސްކްރީން އެއްކޮށް ބުދަ ދުވަހު ވަނީ ފަސް ކްރޯޑު ރުޕީސް ލިބިފައެވެ. ބުރާސްފަތި ދުވަހު ފިލްމަށް ލިބުނު އާމްދަނީ އަކީ 19 ކްރޯޑު ރުޕީސް އެވެ.

ބޮލީވުޑްގެ ކްރިޓިކް ތަރަން އާދާޝް ބުނީ ޕަދްމާވަތް އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މިއަށްވުރެ ބޮޑު ތަރުހީބެއް ފިލްމަށް ލިބޭނެ ކަމަށެވެ. މިއަދަކީ ބަންދު ދުވަހަކަށް ވެފައި އަދި ކުރިއަށް އޮތީވެސް އިންޑިއާގައި ބަންދު ދެ ދުވަސްކަމުން މި ދެދުވަހުވެސް ގިނަ ބަޔަކު ފިލްމު ބަލަން ވަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އިންޑިއާގެ އިތުރުން ޕަދްމާވަތު އެޅުވި އެހެން ގައުމުތަކުގައިވެސް އެ ފިލްމަށް އަންނަނީ ބޮޑުު ތަރުހީބެއް ލިބެމުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ ހިމެނެއެވެ.

ފިލްމު ބެލި ގިނަ ބަޔަކު ވަނީ ފިލްމަށް ތައުރީފުކޮށްފައެވެ. ދީޕިކާ ޕަދްކޯން، ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ފެނިގެންދާ މި ފިލްމު އުފައްދާފައިވަނީ 1 ބިލިއަން ރުޕީސްގެ ބަޖެޓަކުންނެވެ.

ޝާހިދު ކަޕޫރުގެ ފިލްމަކަށް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ފިލްމަކީވެސް ޕަދްމާވަތް އެވެ. ފިލްމު ނާޅުވާ ސަރަހައްދުތަކުގެ ތެރޭގައި ގުޖުރާތު ހިމެނޭއިރު އެ ސަރަހައްދުގެ ބައެއް ފަރާތްތަކުން ދަނީ ގުޖުރާތުގައިވެސް ފިލްމު އެޅުވުމަށް ގޮވާލައި ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.