26 Jan 2018, 21:04
ދުބާއި: ދުނިޔޭގެ 102 ބަހަކުން ލަވައެއް ކިޔައިގެން، އެއް ކޮންސަޓެއްގައި އެންމެ ގިނަ ބަހުން ލަވައެއް ކިޔައިގެން ހަދާފައިވާ ދުނިޔޭގެ ރެކޯޑް، އުމުރުން 12 އަހަރުގެ ކުއްޖަކު މުގުރާލައިފި އެވެ.
އެކުވެރި އަރަބި އިމާރާތުގައި ހުންނަ ދި އިންޑިއަން ހައި ސްކޫލުގެ ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ސުޗޭތާ ސަތިޝް އެ ރެކޯޑް މުގުރާލާފައި ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ދުބާއީގައި ހުންނަ އިންޑިއަން ކޮންސިއުލޭޓް ގައި ބޭއްވި 'މިއުޒިކް ބިޔޯންޑް ބައުންޑަރީސް' ނަމަކަށް ކިޔާ ޝޯއެއްގަ އެވެ.
ރެކޯޑް މުގުރާލުމަށް އެ ޝޯގައި އޭނާ ވަނީ ހަ ގަޑި އިރާއި 15 މިނެޓްގެ ތެރޭގައި އޭބީސީ ގެ އޯޑަރުން 102 ބަހަކުން ލަވަ ހުށަހަޅައިދީފަ އެވެ.
އެގޮތުން ސެންޗަރީއެއް ހަމަކޮށް، ސަތޭކަ ވަނަ ލަވައަކަށް ސުޗޭތާ ހުށަހަޅައިދިނީ އޭނާގެ މާދަރީ ބަސް، މަލަޔާލަމް އިން އޭނާގެ އެންމެ ހިތްގައިމު ލަވަކިޔުންތެރިޔާ ކޭއެސް ޗިތްރާ ކިޔާފައިވާ ލަވައަކުންނެވެ.
ސަތޭކަ އެއްވަނަ ލަވައަކަށް ހުށަހަޅައިދިނީ އަރަބި ބަހުންނެވެ. އެއީ ޔޫއޭއީ އަށާއި އެގައުމުގެ ރައްޔިތުންނަށް އޭނާ ހާއްސަ ކުރި ލަވައެކެވެ. ރެކޯޑް މުގުރާލައި ޝޯ ނިންމާލުމުގެ ގޮތުން 102 ވަނަ ލަވައަކަށް ސުޗޭތާ ހުށަހަޅައިދިނީ މިއަދު ފާހަގަކުރަމުންދާ އިންޑިއާގެ ޖުމްހޫރީ ދުވަހަށް ހާއްސަ ހިންދީ ލަވައެކެވެ.
އެންމެ ގިނަ ބަހުން ލަވައެއް ކިޔައިގެން މީގެ ކުރިން ރެކޯޑް ހަދާފައި އޮތީ ވެސް އިންޑިއާގެ މީހެކެވެ. ދެހާސް އަށްވަނަ އަހަރު ރެކޯޑް ހެދި ޑރ. ކެސިރާޖޫ ނަމަކަށް ކިޔާ މީހާ ރެކޯޑް ފޮތަށް އެރީ ދުނިޔޭގެ 76 ބަހަކުން ލަވައެއް ކިޔައިގެންނެވެ.
ސުޗޭތާގެ ރެކޯޑަށް ގިނަ ބައެއްގެ ތައުރީފް ލިބިގެންދިޔައިރު އޭނާ ބުނާ ގޮތުން، މުގުރާލި ރެކޯޑަކީ އަދުގެ ޒުވާނުނަށް އޭނާ ދިން ހާއްސަ މެސެޖެއް ކަމަށެވެ.
"އަހަރެންނަކީ ކުރިންސުރެވެސް ދުންފަތާ، ޑްރަގްސް އަދި ރާ ބޭނުން ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ މީހެއް. މި ފުރުސަތުގައި އަހަރެން ބޭނުންވަނީ އަހަރެންގެ ޅަޒުވާން ރައްޓެހިންނަށް މި ތިން ކަމުން ދުރުވުމަށް ނަސޭހަތްދީ މީގެ ބަދަލުގައި މިޔުޒިކް ނުވަތަ ކުޅިވަރެއްގައި ބައިވެރިވެ ކުރިއަށްދާން." ސުޗޭތާ ބުންޏެވެ.
މިއުޒިކް ގެ ދާއިރާގައި އައު އުސްމިން ތަކަކަށް ދާންބޭނުންވި ނަމަވެސް ސުޗޭތާގެ އަޒުމަކީ އޭނާގެ ބައްޕަ ފަދައިން ބޭސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމެވެ.