ލިވަޕޫލްގައި ޓްރޮފީ ނުހޯދޭނަމަ ކޯޗުު ޖާގަން ކްލޮޕް ވަކިކުރުމުގެ ފުރުސަތު ބޮޑުކަމަށް ޖޯން ޓޮޝާކް ބުނެފިއެވެ.

ޖޯން ޓޮޝާކަކީ 1970 ވަނަ އަހަރުން 1978 ވަނަ އަހަރާ ހަމައަށް ލިވަޕޫލްއަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާވަނީ އެޓީމަށް 246 މެޗު ކުޅެފައެވެ.

ރެއާލް މެޑްރިޑް އަދި މެސަޑޯނިއާގެ އިތުރުން ވޭލްސް ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން ޓޮޝާކް ބުނީ ކްލޮޕް ފެންނަނީ ކުޅުންތެރިނާއި ސަޕޯޓަރުންވެސް އުފާކޮށްދޭ މިޒާޖުގެ ކޯޗެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ކުރިއަށްއޮތް ދެތިން ސީޒަންގެ ތެރޭގައި ޓްރޮފީއެއް ނުހޯދިއްޖެނަމަ ލިވަޕޫލް ބޯޑުން އޭނާ ފޮނުވާލާނެ ކަމަށް ބެލެވޭ ކަމަށްވެސް ޓޮޝާކް ބުންޏެވެ.

ޓޮޝާކް ބުނީ ބުރޫޝިއާ ޑޯޓުމަންޑާއެކު ކާމިޔާބު ސީޒަންތަކެއް ކްލޮޕް ހޭދަކުރި ނަމަވެސް، ލިވަޕޫލްއަކީ ކާމިޔާބީ މިނެކިރުމުގައި ޑޯޓުމަންޑާ ތަފާތު ކްލަބެއް ކަމަށެވެ. އަދި ޓޮޝާކް ކުޅުނު ޒަމާނުގައި ލިވަޕޫލްއަކީ މުބާރާތެއްގައި 15 ނޫނީ 16 ގޯލް ކޮޅަށް ވަންނަ ޓީމެއް ކަމަށާއި، ކްލޮޕްގެ ސްޓައިލްގައި އެޓޭކް ވަރުގަދަ ނަމަވެސް ޑިފެންސިވްލީ ވަރަށް ދަށް ކަމަށްވެސް އޭނާ ބުންޏެވެ.

ޓޮޝާކް ބުނެފައިވަނީ މި ސީޒަންގައިވެސް ލިވަޕޫލްއަށް ދިމާވާ މައިގަނޑު މައްސަލައަކީ ކޮޅަށް ގިނަ ގޯލްތަކެއް ވަނުން ކަމަށާއި، ގަދަ ހަތަރެއްގައި ނިންމާލުމަށްވެސް ލިވަޕޫލްއަށް އުނދަގޫވާނެ ކަމަށެވެ.

ކުޓީނިއޯގެ ޓްރާންސްފާ ގުޅިގެން ޓޮޝާކް ބުނެފައިވަނީ މި ޒަމާނުގައި ކުޅުންތެރިން ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ކުރިންނަމަ ލިވަޕޫލް އަދި އާސެނަލްް ފަދަ ކްލަބުތައް ދޫކޮށްލަން އެއްވެސް ކުޅުންތެރިއަކު ބޭނުން ނުވާނެ ކަމަށާ، މިހާރު މުޅިން މަންޒަރު ބަދަލުވެފައިވާކަމަށްވެސް ޓޮޝާކް ބުންޏެވެ.

މި ސީޒަންގައި ލިވަޕޫލް ކުޅުނު 24 މެޗުން 47 ޕޮއިންޓާއެކު ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެޓީމުގެ އެޓޭކް ވަރުގަކޮށް ފެނުނު ނަމަވެސް ޑިފެންސް އަދިވެސް ފެންނަނީ ބަލިކޮށެވެ.