26 Jan 2018, 21:00
އިންޑިއާ އަކީ މި ސަރަހައްދުގައިވެސް އަދި ބައިނަލްއަގުވާމީ މައިދާނުގައިވެސް ވަރުގަދަ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު ފާހަގަ ކުރާ އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖަށް ފޮނުއްވި މެސެޖުގައެވެ.
އެ މެސެޖުގައި މިނިސްޓަރު އާސިމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާ ދެމެދު ޒަމާނުއްސުރެ އޮތީ އެކުވެރި ބަދަހި ގުޅުމެއް ކަމަށެވެ. މި ގުޅުން ބަދަހި ކުރުމަށް ދެގައުމުގެ ގުޅިގެން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި އަމާންކަން ގާއިމް ކުރުމަށް ރާއްޖެ އާއި އިންޑިއާ އިން ކުރާ މަސައްކަތް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ފޮރިން މިނިސްޓަރު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާލުވީ އިންޑިއާގެ ގާނޫނު އަސާސީ އަކީ އިންސާނީ ހައްގުތައް ފުރިހަމައަށް ލިއްބައިދޭ ޒަމާނީ ޑިމޮކްރަސީއަށް އެކަށޭނެ ގާނޫނު އަސާސީއެއް ކަމަށެވެ. މިއަދު އިންޑިއާއަކީ ކުރިއަރާފައިވާ އިގްތިސާދެއް އޮތް ގައުމެއް ކަމަށާއި އެކަމުގެ ފައިދާ ކުރަނީ ހަމައެކަނި އެގައުމުގެ ރައްތިޔުންނަށް އެކަނި ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.