ތުރުކީ އަދި ސްވިޒަލޭންޑްގައި ކުރިއަށްދާ ދެ ޓްރެވެލް ފެއާއެއްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސްވިޒަލޭންޑްގައި ކުރިއަށްދާ "ސްވިސް ހޮލިޑޭ އެންޑް ޓްރެވެލް ފެއާ" ގައި ރާއްޖޭގެ 12 ކުންފުންޏަކުން 19 މީހުން ބައިވެރިވެއެވެ. މި ފެއާގައި ރާއްޖޭގެ ޑެލިގޭޝަންގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވެލައްވާނީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ހާލާ ހަމީދާއި ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރެވެ.

ރާއްޖޭގެ މާހަލު ދައްކުވައިދޭ ގޮތަކަށް މި ފެއާގައި ރާއްޖޭގެ ސްޓޯލް ފަރުމާކޮށްފައިވާއިރު މި ފެއާގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. މި ފެއާ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

ސްވިޒަލެންޑުން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ބަލާއިރު ގިނަ މީހުންނަކީ ތަކުރާރުކޮށް ޒިޔާރަތް ކުރާ މީހުންނެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ސްވިސް ފަތުރުވެރިންގެ އަދަދު 32651 އަށް އަރައެވެ.

ރާއްޖެއިން ބައިވެރިވި އަނެއް ޓްރެވަލް ފެއާއަކީ ތުރުކީވިލާތުގެ އިސްތަންބުލްގައި މިހާރު ކުރިއަށްދާ އީސްޓް މެޑިޓްރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަނެވެ. މި ފެއާގައި އެމްއެމްޕީއާރްސީއާއެކު ޓުއަރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އަށް ކުންފުންޏަކުން 15 މީހަކު ބައިވެރިވެއެވެ.

އީސްޓް މެޑިޓްރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަނުގައި ރާއްޖެ ޕްރޮމޯޓު ކުރަނީ ހަނީމޫން ޑެސްޓިނޭޝަނެއްގެ ގޮތުގައެވެ. އެ ފެއާގައި ރާއްޖޭގެ ސްޓޭންޑް ފަރުމާ ކޮށްފައިވަނީވެސް އެފަދަ ގޮތަކަށެވެ.ތުރުކީގެ ފެއާގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެ ލައްވަނީ އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.

އެ ފެއާގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރުމާއި، ޓްރެވެލް އެޖެންޓުންނާ ގުޅިގެން ރާއްޖެއަށް ފަރުުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް މަޝްވަރާ ކުރާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

އީސްޓް މެޑިޓްރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަނުގެ ތެރެއިން ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

ތުރުކީ ވިލާތުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ޚާއްސަކޮށް ޓާކިޝް އެއާލައިންގެ ދަތުރުތައް 2012 ވަނަ އަހަރު ރާއްޖެއަށް ފެށި ފަހުން އެ އަދަދު ވަނީ އިތުރުވެފައެވެ. ހުސްވި އަހަރު ރާއްޖެ ޒިޔާރަތް ކުރި ޓާކިޝް ފަތުރުވެރިންގެ އަދަދު ވަނީ 11 ޕަސެންޓް އިތުރުވެފައެވެ. ނޮވެމްބަރުގެ ނިޔަލަށް އެގައުމުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10405 އަށް އަރައެވެ.