26 Jan 2018, 20:57
ބިހާރު، އިންޑިއާ: މަޝްހޫރު ވުމަށް މީހުން ދަނީ އެކި ކަހަލަ ކަންތައްތައް ކުރަމުންނެވެ. ކޮށްފަ ނުކުރާނެ ކަމެއް ވެސް ބައެއް ފަހަރު ނޯވެ އެވެ. ދުނިޔޭގެ ރެކޯޑް ފޮތްތަކަށް ބަލާއިރު އެފަދަ އެތައް ކަމެއް ހިމެނެ އެވެ. އެއީ ވެސް ހުނަރުވެރިކަމުން ކަމަށް ވެދާނެ އެވެ.
ނަމަވެސް އިންޑިއާގެ ބިހާރަށް ނިސްބަތްވާ މި މީހާ ދުނިޔޭގެ ރެކޯޑު ފޮތަށް އެރުމަށް ކުރަމުން މި ދަނީ މުޅިން ތަފާތު ކަމެކެވެ.
އުމުރުން 30 އަހަރުގެ ސުނިލް ޕަސްވަން، ވަނީ ފާއިތުވެ ދިޔަ 10 އަހަރު ވަންދެން އެންމެ ދުވަހެއް ވެސް ވައްޓާ ނުލައި ކޮންމެ ދުވަހަކު ވެސް އެޅި ގަލެއް ކައިފައެވެ.
އެ އާދަ ހުއްޓާލުމަށް އާއިލާ އާއި އަވަށްޓެރިން އޭނާގެ ކިބައިން އެތައް ފަހަރަކު އެދުނު ނަމަވެސް އެ އެންމެންގެ އެދުމަށް އޭނާވަނީ ބީރު ކަންފަތެއް ދީފައެވެ.
"އަހަންނަށް ގާ ނުކައި ނުހުރެވޭނެ، ކޮންމެ ދުވަހަކު އަހަރެން ގަލެއް ކެޔަސް އޭގެ ސަބަބުން އަހަންނަށް ގެއްލުމެއް ނުލިބޭ. އެންމެ ދެކެން ބޭނުމީ އަހަރެންގެ ނަން ގިނިސް ރެކޯޑުގައި ލިިޔެވޭނެ ދުވަހެއް ބަލަން. އެދުވަސް އަންނަން ދެން އަހަރެން މި ކަން ކުރިއަށް ގެންދާނަން،" އުފަން އަވަށުގައި ސައި ފިހާރައެއް ހިންގަމުންދާ ޕަސްވާން ބުންޏެވެ.
މަޝްހޫރު ވުމަށް ޕާސްވާން ކުރަން ފެށި ކަންތައް މިހާރުވަނީ އޭނާގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެސް ވެފައެވެ.
އޭނާ ބުނާ ގޮތުން ބަތް ކައިގެންވެސް ގާ ނުކައެއް ނުހުރެވެ އެވެ. އަދި ގައު ނުކައިފިނަމަ އޭނާގެ ގައިން ބައެއް މަދުވާހެން ވެސް ހީވާ ކަމަށް ޕާސްވާން ބުނެއެވެ.
ގައު ކާން ފެށުމުގެ ކުރިން ކުޑައިރު ކޯލް ނުވަތަ ބޯޓުދެލި ވެސް ކެއި ޕާސްވާން ބުނާ ގޮތުން ގާ ކެއުމުން އޭނާގެ ސިއްހަތަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އޭނާގެ އެ އާދައާ ގުޅިގެން ސިއްހަތަށް އެއްވެސް ގެއްލުމެއް ނުލިބޭތީ ޑޮކްޓަރުން ވެސް ތިބެނީ ހައިރާން ކަމެއްގައެވެ.
"ގައު ކެއުމާ ގުޅިގެން ދުވަހަކު ވެސް އުނދަގޫ ވެގެން ނުވަތަ ޑޮކްޓަރަށް ދައްކާ ހަދައެއް ނަހަދާ،" ޕާސްވާންގެ އަންހެނުން ސުލޭޚާ ދޭވީ ބުންޏެވެ. (ގަލްފު ނިއުސް)