26 Jan 2018, 16:46
ގައުމީ ކެޕްޓަން އަލީ އަޝްފާގު، އަދި އަލަށް ގެނައި ބިދޭސީ ތިން ކުޅުންތެރިންނާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަރިތަކުރުންތައް އިއްޔެ ގައުމީ ފުޓުބޯޅަ ދަނޑުގައި ފަށައިފިއެވެ.
ގައުމީ ކެޕްޓަން އަލީ އަޝްފާގު މިދިޔަ ސީޒަންގައިވެސް ކުޅުނީ ނިއުރޭޑިއަންޓަށެވެ. އެހެން ނަމަވެސް ސީޒަން ނިންމާލުމަށްފަހު ކޮންޓްރެކްޓް އާ ކުރިކަން ނިއުއިން ކުރިން ހާމަކޮށްފައެއް ނުވެއެވެ.
މި ފެށޭ ސީޒަންގެ އޭއެފްސީ ކަޕަށް ތައްޔާރުވަމުން އަންނަ ނިއުއަށް މި ސީޒަނަށް ގެނެސްފައިވަނީ ބިދޭސީ ތިން ކުޅުންތެރިންނެވެ. އެއީ އަފްގާނިސްތާންގެ ޑިފެންޑަރެއްގެ އިތުރުން ސްޕެއިންގެ ފޯވާޑަކާ ޑިފެންޑަރެކެވެ. ދެން އެޓީމުން ބިދޭސީ ކުޅުންތެރިއެއް ގޮތުގައި ފެންނާނީ މިދިޔަ ސީޒަންގައިވެސް ކުޅުނު ކަންޑޭލާއެވެ.
ނިއުއަށް ގެނައި އަފްގާނު ޑިފެންޑަރަކީ އެގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑުވެސް އަޅަމުން އަންނަ ޒޮހިބް އިސްލާމް އަމީރީ އެވެ. އަމީރީ އެންމެފަހުން ކުޅެފައިވަނީ އިންޑިއާގެ އައިލީގުގެ ޗެންނާއީ ސިޓީ އެފްސީއަށެވެ.
ނިއުރޭޑިއެންޓަށް ގެނައި ސްޕެއިންގެެ ފޯވާޑަކީ އުމުރުން 32 އަހަރުގެ ގުއިލެމް މާޓީ މެސޫތެވެ. 2010 ވަނަ އަހަރުން 2013 ވަނަ އަހަރާ ހަމައަށް މާޓީ ކުޅެފައިވަނީ އޮސްޓްރިއާގެ ފުރަތަމަ ޑިވިޝަންގެ އެސްވީ ރީޑަށެވެ. އެޓީމާއެކު އޭނާވަނީ 2012 ވަނަ އަހަރު އަދި 2013 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ދެވަނަ ކޮލިފައިން ބުރުގައިވެސް ކުޅެފައެވެ. 2013 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް މާޓީ ކުޅެފައިވަނީ ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ޓެނަރީފަށެވެ. އޭގެ ފަހުން އޭނާ ކުޅެފައިވަނީ ސްޕެއިންގެ ތިންވަނަ ޑިވިޝަން ޓީމުތަކަށެވެ. އެންމެފަހުންވެސް ކުޅެފައިވަނީ ސްޕެއިން ތިންވަނަ ޑިވިޝަން ސީޑީ ޕަލެންސިއާއަށެވެ.
ނިއުއަށް ގެނައި ސްޕެއިންގެ ޑިފެންޑަރަކީ އުމުރުން 30 އަހަރުގެ ހޮރްހޭ ގޯޓޯ ބްލާސްއެވެ. ޒުވާން އުމުރުގައި ރެއާލް ޒަރަގޯޒާގައި ހޭދަކުރި ހޮރްހޭ ގޯޓޯވަނީ ސްޕެއިންގެ ދެވަނަ އަދި ތިންވަނަ ޑިވިޝަންގެ ޓީމުތަކަށް ކުޅެފައެވެ. އަދި 2013-14 ވަނަ އަހަރުގައި ހޮރްހޭ ގޯޓޯވަނީ އިރާގްގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ އެރްބިލާއެކު އޭއެފްސީ ކަޕުވެސް ކުޅެފައެވެ. އެންމެފަހުން އޭނާ ކުޅެފައިވަނީ އިންޑޮނޭޝިއާގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ މިތުރާ ކުކާރަށެވެ.
ވޭތުވެދިޔަ ސީޒަންގެ ދިވެހި ޕްރިމިއާލީގުގެ އިތުރުން ޕްރެސިޑެންޓްސް ކަޕު އަދި އެފްއޭކަޕްވެސް ކާމިޔާބުކުރި ނިއުއިން އިއްޔެ ފަރިތަކުރުންތައް ފަށާފައިވާއިރު، ޓީމަށް މި ސީޒަނަށް އަލަށް ގެނައި ދިވެހި ކުޅުންތެރިންވެސްވަނީ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިޝާމް ސަލީމް (ކޮކީ) އާއި މުހައްމަދު އުމައިރު އަދި އީގަލްސްގެ ކެޕްޓަންކަން ކުރަމުންއައި އިމްރާން ނަޝީދު (އިންމަ)އާއި ރިހާމް އަބްދުލްޣަނީ (ބޮބީ)ވެސް ހިމެނެއެވެ.
މިއަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ނިއު ނުކުންނައިރު، އެ ޓީމު ހިމެނެނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕްގައި ހިމެނެނީ އިންޑިއާގެ އައިލީގު ޗެމްޕިއަން އައިޒައުލް އަދި ބަންގާޅު ޗެމްޕިއަން ޑާކާ އަބާނީގެ އިތުރުން ސައުތު އޭޝިއަން ކޮލިފިކޭޝަން ޒޯނުން ކޮލިފައިވާ ޓީމެވެ.