17 Aug 2011, 12:55
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއަށް މީހަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހްޤީޤް ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބުރުޒުމަގުގައި މީހަކު މެންބަރު ނާޒިމުގެ ގައިކޮޅުގައި ޖަހާ މާރާމާރީ ހިންގި ކަމުގެ ރިޕޯޓެއް ރޭ ގާތްގަނޑަކަށް 11:30 އެހާކަންހާ އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނާޒިމަށް ހަމަލާދިނީ ބުރުޒު މަގުގައި ހުންނަ ތަންދޫރު ކެފޭ އިން އޭނާ ނުކުމެވަޑައިގެން ވަޑައިގެންނަވަނިކޮށް، އެ ސަރަހައްދަށް ޖީއެން ސައިކަލެއްގައި އައި މީހެކެވެ.
ނާޒިމް މިއަދު ވިދާޅުވީ އެކަމާ ބެހޭ ގޮތުން މިވަގުތު އެއްޗެއް ވިދާޅުވާން ދަތި ކަމަށެވެ. ނަމަވެސް އެވާހަކަ އޭނާ ދޮގެއްވެސް ނުކުރައްވަ އެވެ.
ނާޒިމަށް ރޭ ދިން އެހަމަލާ ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެހަމަލާއަކީ ރާވައިގެން ހިންގާފައިވާ ރަހުކުޑަ، އަނިޔާވެރި، ފިނޑި އަމަލެއް ކަމަށެވެ.
"މިޕާޓީން ދެކޭ ގޮތުގައި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާވައިގެން ހިންގަމުން މިދާ ފިނޑި އަމަލުތަކަކީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިހްލާސްތެރި މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ އަގުހުރި މަސައްކަތްތަކަށް ހުރަސްއަޅައި އެބޭފުޅުންނަށް ބިރުދެއްކުމަށް ގަސްދުގައި ހިންގަމުން ގެންދާ ނާތަހުޒީބު އަމަލުތަކެއް،" ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން، ކުރާ މިފަދަ ފިނޑި އަމަލްތައް ކިތަންމެ ވަރަކަށް ތަކުރާރުކުރަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް، ފައްކާކުރުމަށް އެމްޑީޕީގެ މެންބަރުން ކުރަމުން އަންނަ މަސައްކަތްތަކަށް ކުޑަވެސް ލޮޅުމެއް މަޑުޖެހުމެއް ނާންނާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.