26 Jan 2018, 15:14
ސައޮ ޕައުލޯ (ޖެނުއަރީ 26): ބްރެޒިލްގެ ކޯޓަކުން އެގައުމުގެ ކުރީގެ ރައީސް ލޫލާ ޑި ސިލްވާގެ ޕާސްޕޯޓު ހިފަހައްޓައި، އޭނާ ގައުމުން ބޭރަށް ދިޔުން މަނާކޮށްފިއެވެ.
ބްރެޒިލްގެ ޑިސްޓްރިކްޓް ކޯޓަކުން އެފަދައިން ނިންމީ ލޫލާގެ މައްޗަށް މިދިޔަ އަހަރު ކުރި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ހުކުމެއް އިސްތިއުނާފު ކޯޓަކުން ބުދަ ދުވަހު ދެމެހެއްޓި ފަހުންނެވެ. އެކޯޓުން ވަނީ ލޫލާގެ ޖަލު ހުކުމް ނުވަ އަހަރާއި ބައިން 12 އަހަރާއި އެއް މަހަށް އިތުރުކޮށްފައެވެ.
ނަމަވެސް ލޫލާއަށް އެހުކުމް އިސްތިއުނާފު ކުރުމުގެ ހައްގު ލިބިފައިވުމުން އޭނާގެ ޖަލު ހުކުމް މިވަގުތު ތަންފީޒު ކުރަން ނުޖެހޭނެއެވެ. އަދި ލޫލާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކޮށް، އެއީ އޭނާ ރިޔާސީ ރޭހުން ދުރުކުރުމަށް ބަޔަކު ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެފައިއެވެ.
ލޫލާގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެން އޭނާގެ ވަކީލު ކްރިސްޓިއާނޯ ޒަނިން ނެރުއްވި ބަޔާނެއްގައި ވަނީ އެޕާސްޕޯޓު މިއަދު ލޫލާއާ ހަވާލު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޯޓުގެ ނިންމުމުގެ ސަބަބުން ލޫލާ މިއަދު އެފްރިކާއަށް ކުރައްވަން އޮތް ދަތުރުފުޅެއް ކެންސަލްކޮށްފައިވާ ކަމަށާއި، ތިން ދުވަހުގެ އެދަތުރުފުޅާ ބެހޭ ގޮތުން ކޯޓަށް މީގެ ކުރިން މައުލޫމާތު ދެއްވި ކަމަށް ބަޔާނުގައިވެއެވެ.
ބްރެޒިލްގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އަންނަ އޮކްޓޯބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ލޫލާއެވެ. ނަމަވެސް އެގައުމުގެ ގާނޫނު އަސާސީގައި ވާގޮތުން ކުށެއް ސާބިތުވެފައިވާ ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެއެވެ.
ލޫލާގެ ވަކީލުން ވަނީ ކޯޓުގެ އެންމެ ފަހުގެ ނިންމުންވެސް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަތީ ކޯޓަކުން އެމައްސަލަ އިސްތިއުނާފު ކޮށްފި ނަމަ ލޫލާއަށް އިންތިހާބުގައި ވާދަ ކުރެވޭނެއެވެ. (ބީބީސީ)