26 Jan 2018, 13:28
އީސްޓް ޓިމޯރގައި މިދިޔަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކުރި ފަރާތެއް ސާފު ނުވެ، އެގައުމަށް މިހާރު ދިމާވެފައި އޮތް ސިޔާސީ "ހުއްޓުން" ނިމުމަކަށް ގެނައުމަށްޓަކައި އެގައުމުގައި މިހާރު އޮތް ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމައިފިއެވެ.
އިރު ދެކުނު އޭޝިއާގައި އޮންނަ އީސްޓް ޓިމޯރގައި މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ސާފު އަގުލަބިއްޔަތެއް އެއްވެސް ޕާޓީއަކަށް ނުލިބެއެވެ. އެގައުމުގެ މައި ދެ ޕާޓީގެ ތެރެއިން ރިވޮލިއުޝަނަރީ ފްރަންޓް ފޯރ އިންޑިޕެންޑެންޓް އީސްޓް ޓިމޯރ (ފްރެޓިލިން)އަށް ލިބުނީ މަޖިލީހުގެ 23 ގޮނޑިއެވެ. ނޭޝަނަލް ކޮންގްރެސް ފޯރ ޓިމޯރީސް ރީކޮންސްޓްރަކްޝަން (ސީއެންއާރުޓީ)އަށް ލިބުނީ 22 ގޮނޑިއެވެ. މަޖިލީހުގެ ބާކީ އަށް ގޮނޑި ލިބުނީ ޕީޕަލްސް ލިބަރޭޝަން ޕާޓީއަށެވެ.
އެންމެ ގޮނޑިއެއްގެ ފަރަގާ އެކު، މައި ދެ ޕާޓީން ކުރެ އެއްވެސް ޕާޓީއަކަށް ސާފު އަގުލަބިއްޔަތު ލިބިފައެއް ނުވެއެވެ.
އެ ހާލަތުގައި، މަޖިލީހުގެ 23 ގޮނޑި ލިބުނު ފްރެޓިލިން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަރްޢީ ބިން ޢަމޫދާ އަލްކަސިރީ އަރިހުން ސަރުކާރު އުފެއްދުމަށް އީސްޓް ޓިމޯރގެ ރައީސް ފްރަންސިސްކޯ ގުޓެރޭޒް އެދިވަޑައިގެންނެވިއެވެ. ރައީސް ގުޓެރޭޒް ނިސްބަތްވާ ސީއެންއާރުޓީ ޕާޓީ އަދި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ވަނީ މަޖިލީސް މެދުވެރިކޮށް، ފްރެޓިލިން ޕާޓީގެ ސަރުކާރެއް އުފެއްދުމަށް ހުރަސް އަޅައިފައެވެ.
އެކަމާ ގުޅިގެން ފްރެޓިލިން ޕާޓީގެ ލީޑަރު އަލްކަސިރީ ވަނީ، އިދިކޮޅު ސީއެންއާރުޓީ ބަޣާވާތް ކުރަން އުޅޭކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ސީއެންއާރުޓީން ބުނަމުން ދިޔައީ ފްރެޓިލިން ޕާޓީން އުފައްދާ ސަރުކާރަކީ ގާނޫނާ ޚިލާފު ސަރުކާރެއް ކަމަށެވެ.
މިވަގުތު އެގައުމު އޮތީ ސިޔާސީ ގޮތުން ހުއްޓުމެއްގައި، ނުވަތަ ޑެޑްލޮކެއްގައެވެ.
މި ހާލަތުގައި ގައުމު އޮތުމުގެ ސަބަބުން، އީސްޓް ޓިމޯރގެ ރައީސް ފްރަންސިސްކޯ ގުޓެރޭޒް މިއަދު ވިދާޅުވީ، މިހާރު އޮތް މަޖިލީސް އުވާލުމަށްފަހު ގާނޫނު ހަދާ މަޖިލީސް އަލުން އިންތިޚާބުކުރުމަށް، އިންތިޚާބު އިއުލާނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މި ހާލަތުން އަރައިގަނެ، ގޮންޖެހުންތައް ކަޑައްތު ކުރެވެން އޮތީ ރައްޔިތުންގެ އެހީތެރިކަމާ އެކު އެކަނި. އެހެންކަމުން އަޅުގަނޑު މި އެދެނީ ރައްޔިތުން އަރިހުން، އަނެއްކާވެސް ވޯޓު ލައްވާށޭ،" ރައީސް ގުޓެރޭޒް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންތިޚާބު ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.
އިންޑޮނޭޝިއާގެ ކިބައިން އީސްޓް ޓިމޯރ މިނިވަންވީ 2002 ވަނަ އަހަރުއެވެ. އެގައުމުގެ އިދިކޮޅު ލީޑަރުގެ ގޮތުގައި މިހާރު ހުންނެވީ، އެގައުމުގެ މިނިވަންކަމަށް ބުރަކޮށް މަސައްކަތް ކޮށްދެއްވި، އަދި އީސްޓް ޓިމޯރގެ ފުރަތަމަ ރައީސްގެ މަގާމު އަދާކުރެއްވި ޗަނާނާ ގުސްމައޯއެވެ.