17 Aug 2011, 12:28
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނާ އެއްގޮތަށް ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް، ޖަވާބުދާރީވެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ ބައެއް މެންބަރުން ނުރުހުން ފާޅު ކުރައްވައިފި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ފިނޭންސް މިނިސްޓަރު މިއަދު ސުވާލު ކުރައްވާފައި ވަނީ، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ތަރައްގީގެ އެއްވެސް މަޝްރޫއެއް ފަހުން ފައިސާ ދޭގޮތަށް ބޭރުގެ ކުންފުންޏަކާ ވެސް ދިވެހި ކުންފުންޏަކާ ވެސް ހަވާލުކޮށްފައިވާ ނަމަ އެކުންފުނިތަކާ އެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހޯއްދެވުމަށެވެ.
އެ ސުވާލާ ގުޅިގެން މިނިސްޓަރު ޖަވާބު ދެއްވާފައި ވަނީ، ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ވޯކް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައުލޫމާތުތައް އެކަންޏެވެ.
އަދި މިއަދުގެ މައުލޫއާ ނުގުޅޭ ސުވާލުތަކެއް ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަކަށް ޖަވާބު ނުދެއްވައި، މިއަދުގެ މައްސަލައާ ގުޅޭ ސުވާލެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވާފައިވާތީ އިދިކޮޅު ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި ރިޔާސަތުގެ ސަމާލުކަމަށް ގެންނެވި އެވެ.
މިއަދުގެ މައުލޫއާ ގުޅޭ ސުވާލެއް ނޫންކަމަށް ވިދާޅުވެ މިނިސްޓަރު ޖަވާބު ނުދެއްވި ސުވާލުތަކުގެ ތެރޭގައި، ސަރުކާރުގެ ކުންފުނިތަކަށް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދާއި އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދު އޮޅުން ފިލުއްވެވުމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކުރެއްވި ސުވާލާއި، އެމްބީސީ އަށް ބަޖެޓް ނުދެއްވާނެ ކަމަށް ފާޅުގައި ވިދާޅުވެފައި ވަނީ ކޮން ގާނޫނެއްގެ ދަށުންތޯ އޮޅުން ފިލުއްވެވުމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ކުރެއްވި ސުވާލު ހިމެނެ އެވެ. އޭގެ އިތުރުން ރިޔާޒު ރަޝީދު ކުރެއްވި ސުވާލުގެ އެއްބައި ކަމަށްވާ، ދިވެހި ކުންފުންނަކާ އެއްވެސް މަޝްރޫއެއް ހަވާލު ކޮށްފައިވޭތޯ އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދު ކުރެއްވި ސުވާލަށް ވެސް މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ. އަދި ޓެކްސް ނަގަން ފެށުމުން ދައުލަތަށް ލިބޭ އާމްދަނީ ކިހާވަރަކަށް އިތުރުވެފައިވޭތޯ އާއި ބަޖެޓްގައި ނެތް މަޝްރޫއުތައް ހިންގަނީ ކޮން ގޮތަކަށްތޯ އޮޅުން ފިލުއްވުމަށް މާވަށު ދާއިރާގެ މެންބަރު އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު ކުރެއްވި ސުވާލަށް ވެސް މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ. އޭގެ އިތުރުން ވެސް ބައެއް ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވާ މައްސަލަ އާ ބެޙޭ ގޮތުން ވެސް މައުލޫމާތު ނެތްކަމަށާއި އެކަމުގެ މައުލޫމާތު ދެއްވޭނީ ހައުސިން މިނިސްޓަރަށް ކަމަށް ވިދާޅުވެ އިނާޒު ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ނަމަވެސް ކުންފުނިތަކަށް ލިބިގެންވާ މޭންޑޭޓާ ބެހޭ ގޮތުން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި، 39 ވޯޓުން ރައީސަށް ލާޒިމް ކުރާ ގޮތަށް ބައެއް ބިލުތައް މަޖިލީހުން ފާސްކުރާއިރު، އެކަން ކުރަން ބޭނުންވާ ފައިސާއާ މެދު ވިސްނާ ވަޑައިގަންނަ ވަނީ ކޮންގޮތަކަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރު މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވާފައި ވަނީ ނުގުޅޭ ސުވާލެއްކަމަށް ވިދާޅުވެފަ އެވެ.
"މިއަދުގެ ސުވާލާ ނުގުޅޭ އެކަމަކު ވެސް ދަންނަވާލަން ބޭނުން، ބިލެއް ފާސްވާ ނަމަ އެ ބިލަކާ އެއްކޮށް އާމްދަނީ އިތުރު ނުވާނެ ގޮތަކަށް ބިލެއް ފާސްކުރުމަކީ ޒިންމާދާރުކަމެއްނޫން،" ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދުގެ އިތުރުން މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް، ނިޒާމީ މައްސަ ނެންގެވި ނަމަވެސް ރިޔާސަތުން ވަނީ އެ މައްސަލަ ބަލައި ނުގެންފަ އެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، މެންބަރުން ކުރައްވާ ސުވާލަކީ ގުޅުން ހުރި ސުވާލެއްކަމަށް ނިންމަވާނީ ޖަވާބު ދެއްވަން ވަޑައިގަންނަވާ މިނިސްޓަރު ކަމަށެވެ.
ރިޔާޒު ރަޝީދު ވިދާޅުވީ، 14 ދުވަސް ކުރިން ނޯޓިސް ފޮނުވައިގެން މަޖިލީހަށް ވަޒީރަކު ގެންނަވާ އިރު މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް ފިނޭންސް މިނިސްޓަރު އޭނާގެ ސުވާލަށް މިއަދު ޖަވާބު ދެއްވާފައިވާނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.