ހަ މަސްދުވަހު ބަންދުގައި ހުރުމަށްފަހު އިއްޔެ މިނިވަންވެ ވަޑައިގެންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު، އިދިކޮޅު ހަތަރު ލީޑަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ހުށެހެޅިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފާރިސް މައުމޫން ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހުއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައެވެ.

ނަމަވެސް ފާރިސްގެ ދެކޮޅަށް ހުށަހަޅާފައިވާ ފޮރެންސިކް ހެކިތައް މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ތަހްލީލް ކުރަން އެދުމުން ގާޒީ ވަނީ އެކަމަށް ގިނަ ދުވަސްތަކެއް ނަގާފާނެ ކަމަށް ވިދާޅުވެ، ތިން ޝަރުތެއް ކުރުމަށްފަހު ފާރިސް އިއްޔެ މިނިވަންކޮށްފައެވެ.

އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައިވާ އިދިކޮޅު ހަތަރު ލީޑަރުން ----

ފާރިސް މިނިވަންމުމާއި އެކު އޭނާ ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޖަލުގައި ހުންނަވާތާ 1،000 ދުވަސް ފުރުން ފާހަގަކުރުމަށް ރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް އެ ޖަލްސާގައި ފާރިސް ވާހަކަފުޅެއް ނުދައްކަވައެވެ. އިދިކޮޅު ހަތަރު ލީޑަރުންނަށް ފާރިސް ޝުކުރު އަދާކުރީ މިއަދު އޭނާ ކުރި ޓްވީޓަކުންނެވެ.

އިދިކޮޅު ހަތަރު ލީޑަރުންކަމަށްވާ ކުރީގެ ރައީސް އަދި ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުގެ އިތުރުން، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ޓެގް ކުރައްވައި ފާރިސް ވިދާޅުވީ އޭނާ ބަންދުގައި ހުރި ދުވަސްތަކުގައި ހިތްވަރުދީ އެހީތެރިވެވަޑައިގެން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ބަންދުން ދޫކޮށްލެއްވުމުން ކޯޓުން ނުކުމެ ވަޑައިގެން އިއްޔެ ފާރިސް ވިދާޅުވީ އިދިކޮޅު ލީޑަރުންނާއި އެކު ފައްޓަވާފައިވާ އިސްލާހީ މަސައްކަތުގައި އަދިވެސް ދެމި ހުންނަވާނެ ކަމަށާއި ރައްޔިތުން ބޭނުންފަދަ އަމާން މާހައުލެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.