26 Jan 2018, 14:32
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ވައްޓާލަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލެއްވީ، އިދިކޮޅު ފަރާތްތަކަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަނން ޔަގީންވުމުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މާފަންނު ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވަނީ ވެރިކަން ބަދަލުކުރަން ވަކި ވަގުތެއް ޖެހެންދެން މަޑުނުކުރުމަށް ގޮވާލާފައެވެ. އަދި ރިޔާސީ އިންތިހާބުގެކުރިން ވެރިކަން ބަދަލުކުރަން ތާއީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަދުރޭ ވިދާޅުވީ ރައީސް ޔާމީނުގެ ފާއިތުވި ހަތަރު އަހަރުގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދީފައިވާ ތަރައްގީ ފެނިފައި އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރެވޭ ފެންވަރުގެ ބޭފުޅަކު އިދިކޮޅުގައި ނެތްކަމަށް ހުދު އެ ބޭފުޅުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ.
"އިދިކޮޅުގައި ތިއްބެވީ ފެއިލްވެތިބި ބޭފުޅުން. ރައީސް ނަޝީދު، ގާސިމް އިބްރާހިމް އަދި ޝެއިޚް އިމްރާން ފަދަ ތަސައްރަފު ނުފުދޭ ބޭފުޅުން. ގައުމުގެ ރައްޔިތުންގެ ހޭލުތެރިކަން ހުރި މިންވަރަށް ބަލާފައި އެފަދަ ބޭފުޅަކު ވެރިކަމަށް ގެނެސްދާނެ ކަމަކަށް ނުދެކެން. އެހެންވެ އެ މަސައްކަތް ކުރަނީ އިންތިހާބުގެ ކުރިން މި ވެރިކަން ވައްޓާލަން،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ގައުމަށް ބޭނުންވަނީ ވަރަށް ހޭލުންތެރި، ތައުލީމީ ގާބިލު ވެރިއެއް ކަމަށާއި މިހާރު ރާއްޖޭގައި ވެރިކަން ކުރައްވަމުން ގެންދަވަނީ އެފަދަ ވެރިއެއް ކަމަށެވެ.
"ރައީސް ޔާމީނުގެ ގާބިލު ކަމާއި ސާބިތުކަން އަދި ތަޖުރިބާ އެވަނީ އަމަލުން ދައްކާވާފައި. އެހެންވީމާ އެ ބޭނުންވަނީ ވެރިކަން ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ވައްޓާލަން. އެ ފުރުސަތެއް އަޅުގަނޑުމެނެއް ނުދޭނަން. ދިވެހި ރައްޔިތުންނެއް ނުދޭނެ އެ ފުރުސަތެއް،" އަދުރޭ ވިދާޅުވިއެވެ.
އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރުމަސް އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ. އެ މަޝްވަރާތަކަށް މަންދޫބުން ހަމަޖައްސައި މަޝްވަރާތައް ފަށަން ނިންމާފައިވީ ނަމަވެސް އެކަމުގެ މަޝްވަރާ އަދި އޮތީ ނުފެށިއެވެ.