26 Jan 2018, 01:47
ގާނޫނީ ގޮތުން އުފައްދާފައިވާ ސަރުކާރު ވައްޓާލަން އެއްވެސް ބަޔަކު މަސައްކަތްކުރާނަމަ އެކަމެއް ހުއްޓުވުމަށް ދިވެހި ސިފައިން އިސްވެ ނިކުންނާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒްގައި ރޭ ބޭއްވި ޖަލްސާއެއްގައި އިންތިހާބުގެ ކުރިން ވެރިކަން ބަދަލުކުރަން ތާއީދު ކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.
އެ ޖަލްސާގައި މައުމޫން ވިދާޅުވީ މިހާރުން މިހާރަށް ކަންތައްތައް އިސްލާހު ކުރަން ޖެހޭ ކަމަށާއި ވަކި ވަގުތެއް ޖެހެންދެން މަޑުކުރަން ނުޖެހޭ ކަމަށެވެ. މިއަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިހާބު ބާއްވާނެ ކަމާ މެދު ވެސް މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އިންތިހާބް ބޭއްވި ނަމަވެސް ނަތީޖާއަށް ވާނެ ގޮތެއް ނޭނގޭ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން 'ސަން' އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުކުރެވޭނެ ގޮތް 2008 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވި ގާނޫނު އަސާސީގައި ލިޔެފައި ވާނެ ކަމަށެވެ. އަދި އެ ގޮތަކީ އިންތިހާބެއް ބާއްވައި ރައްޔިތުން ވޯޓުލުން ކަމަށް ވެސް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
"އެގޮތަށް އޮއްވާ ގާނޫނީ އިމުގެ ބޭރުން ވެރިކަން ބަދަލުކުރާކަށް ރައްޔިތުންނެއް ވެސް ބޭނުމެއް ނުވާނެ އަދި ސަރުކާރުން އެ ފުރުސަތެއް ނުދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެކުރިން ވެސް ރާއްޖޭގެ ވެރިކަން ވައްޓާލަން އެކި ފަހަރު ބަޔަކު މަސައްކަތްކުރި ކަމަށާއި އެއިން ކޮންމެ ފަހަރަކު ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓި ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކަން މިހެން އޮތް އިރު ގާނޫނީ އިމުގެ ބޭރުން ވެރިކަން ބަދަލުކުރާކަށް ސިފައިނެއް ވެސް އަދި ފުލުހުނެއް ވެސް ފުރުސަތެއް ނުދޭނެ. ރާއްޖޭގަ މި އޮންނަ ހަމަޖެހުމާއި ސުލުހަ މަސަލަސްކަން ދެމެހެއްޓުމަކީ އެއީ ރާއްޖޭގެ ހަމަ ކޮންމެ މީހަކަށް ވެސް ލާޒިމް ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ގާނޫނު ކުރިމަތީގައި ކޮންމެ މީހަކީ ވެސް ހަމަހަމަ މީހެެއް ކަމަށާއި ހަމަނުޖެހުން ހިންގައި މަސްލަހަތު ނަގާލަން އެއްވެސް މީހަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި ބަޣާވާތެއް ކުރުމަށް މަސައްކަތް ކުރާނަމަ އެމީހަކާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ގާނޫނީ އިމުގެ ބޭރުން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށް ވެއްޖިއްޔާ ދިވެހި ސިފައިން އެކަމަކަށް އިސްވެ ހަރަކާތްތެރިވާނެ،" ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.