މިއަހަރު ރާއްޖޭގައި މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަށާއި ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް އެންމެ ފަހުން ވެސް ބޭއްވީ މި ސަރުކާރުން ކަމަށާއި އެކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ހެކިވާނެ ކަމަށެވެ.

"އެންމެ ފަހުގެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވީ ވެސް މި ސަރުކާރުން. އެފަހަރު އިންތިހާބުގެ ކުރިން އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ މި ސަރުކާރަށް މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް އަދި ރައީސް ޔާމީން ނުފޫޒު ފޯރުވާނެ ކަމަށް. އެކަމަކު އިންތިހާބު ނިމުމާއެކު އެ ބޭފުޅުން ވިދާޅުވި މިއަށް ވުރެ މިނިވަން އިންތިހާބެއް އަދި ރާއްޖެއަކު ނުބޭއްވޭ ކަމަށް." އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަމުން ގެންދަވާ އަދުރޭ ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތީ ރައީސް ޔާމީނަށް ކަމަށާއި ބޮޑު އަޣުލަބިއްޔަތަކުން އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ރައީސް މައުމޫނުގެ ވެރިކަމުގައި މާލެއަކީ މުޅި ރާއްޖެ ކަމަށް ދައްކުވައިގެން އުޅުއްވީ. ވަރަށް ތަފާތު ކުރުން ގިނަ ވެރިކަމެއް އެއީ. ރައީސް ނަޝީދަށް ވެރިކަމަށް ވަޑައިގެން އެކަމެއް ބަދަލެއް ނުކުރެވުނު. ރައިސް ޔާމީނު ވަޑައިގެން މި ހުރިހާ ކަމެއް ބަދަލު ކުރެއްވި. އެގޮތުން ދެ ކަމަކަމަށް ބަލާ ނަމަ ކަރަންޓާއި ފެނުގެއަގު މާލެ އާއި ރާއްޖެ ތެރޭގައި މިވަނީ އެއްވަރަކަށް ގެނެސްފައި. އެފަދަ ވެރިއެއް އަދި މި ގައުމަކަށް ނާދޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ އަމާން ކަމާއި ހިތްހަމަޖެހުން އަދި ތަރައްގީ އާއި ކުރިއެރުން ކަމަށާއި އެކަން ރައްޔިތުންނަށް ގެނެސްދެވޭނީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށެވެ.

ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޔާމީނުގެ ފަހަތުގައި ތިބުމަށް އަދުރޭ ވަނީ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ދެކިގެން ނިކުމެ ވޯޓު ކަރުދާހުގައި ރައީސް ޔާމީނުގެ ނަންފުޅާއި ދިމާލުގައި ފާހަގަ ޖަހެން މުހިންމު ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ކޮމެޓީއެއް އުފައްދި ނަމަވެސް އެފަދަ ކެންޑިޑޭޓަކު ނެރޭތަން ނުފެންނަ ކަމަށެވެ. އަދި އެންމެ ފަހުން ނެރޭނެ ކެނޑިޑޭޓަކު ނޭނގި ގިނަ ބަޔަކު ރިޔާސީ އިންތިހާބަށް ނެރެން އިދިކޮޅު ފަރާތްތަކަށް މަޖުބޫރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވަނީ މި އަހަރު ރާއްޖޭގައި ރިޔާސީ އިންތިޚާބު ބާއްވާނެ ކަމާ މެދު ސުވާލު އުފައްދަވައިފައެވެ.

ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ރޭ ވިދާޅުވީ އިންތިޚާބު ބޭއްވިޔަސް ނަތީޖާއަށްވާނެ ގޮތެއް ނޭނގޭ ކަމަށެވެ.