އިނގިރޭސި ފުޓްބޯލް ލީގު ކަޕް (ކަރަބާއޯ ކަޕް)ގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އާސެނަލް އަތުން ޗެލްސީ ބަލީވާން މެދުވެރިވި ސަބަބު، އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހާމަކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެފައިވާ އިރު، އާސެނަލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ޗެލްސީން އެ މެޗުގެ ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި އާސެނަލް މެޗު ކާމިޔާބުކުރަން މެދުވެރިވި ސަބަބު ކިޔައިދެމުން ކޮންޓޭ ބުނީ، މެޗުން ބަލިވާން މެދުވެރިވީ ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަންއަށް ލިބުނު އަނިޔާ ކަމަށެވެ.

ޗެލްސީގައި މިވަގުތު އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވިލިއަންގެ ފަލަމަސްގަނޑަށް އަނިޔާވެ މެޗުގެ 30 ވަނަ މިނިޓްގައި އޭނާ ވަނީ ދަނޑުން ބާލައިފައެވެ. ބަދަލުގައި ކުޅެން ނެރުނީ، އެޓީމާ އަލަށް ގުޅުނު އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭއެވެ.

އާސެނަލް އަތުން 2-1 އިން ޗެލްސީ ބަލިވި މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ބްރެޒިލް ތަރި ވިލިއަންއަށް އަނިޔާވުމާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައި -- ފޮޓޯ: ގެޓީ

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ކޮންޓޭ ބުނީ، ކްލަބުގެ ބެންޗު މާބޮޑަށް ބަލިކަށިވުމަކީ ކޯޗަކަށް ކުރިމަތިލާން ޖެހޭ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ކްލަބުގެ އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިޔާއަށް އަނިޔާ ވުމަކީ އެހާ ފަސޭހަކަމެއް ނޫން. ޚާއްސަކޮށް، ބެންޗުގައި ބަދަލުކޮށްލަން ހުރި ހަމައެކަނި ކުޅުންތެރިއަކީ ރޮސް ބާކްލޭ،" ކުރިން ޔުވެންޓަސްއަށް ކޯޗުކޮށްދިން އިޓަލީ ކޯޗު ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މެޗުގެ ނަތީޖާ ބަދަލުވާން މެދުވެރިވީ ވިލިއަންގެ އިންޖަރީގެ ސަބަބުން. އަހަރެމެންނަކަށް ނެތް ބަދަލުކުރާނޭ މާކަ ގިނަ ކުޅުންތެރީންނެއް. އަލްވާރޯ މޮރާޓާ އެއް ނެތް."

ކޮންޓޭ ބުނީ، ބެންޗުގައި އިތުރު އޮޕްޝަންތަކެއް ނެތުމުން އެންމެ ފަހުން ބާކްލޭ އަރުވަން މަޖުބޫރުވީ ކަމަށެވެ. މިއީ ބާކްލޭ އެޓީމާ ގުޅުމަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ.

"އެއީ މޮޅު ކުޅުންތެރިއެއް، އެހެން ނަމަވެސް، ޗެލްސީގެ ކުޅުމާ، އޮއިވަރު ދަސްކުރާން އޭނާއަށް ވަގުތު ބޭނުންވޭ،" ކޮންޓޭ ބުންޏެވެ.

ޗެލްސީގެ މެޗު ތާވަލު އެންމެ ބާރު ބޮޑުވި ދުވަސްކޮޅާ ދިމާކޮށް، މޮރާޓާއާއި ސެސް ފަބްރިގާސްއަށް ވެސް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ އިރު، ވިލިއަންގެ އަނިޔާއާއެކު ކޮންޓޭއަށް މިވަނީ "ރިހޭ ފައިމައްޗަށް ފޮއިވެއްޓިފަ"އެވެ.

ޗެލްސީން ދަނީ މިހާރު ކުރިއަށްދާ ޓްރާންސްފަރ ވިންޑޯ ބަންދުވުމުގެ ކުރީން އެޓީމުގެ އެޓޭކިން ލައިން ހަމައަކަށް އެޅުވުމަށް އިތުރު ކުޅުންތެރީން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޓީމުން މަޝްވަރާ ކުރަމުންދާ ކުޅުންތެރީންގެ ތެރޭގައި، ވެސްޓްހެމްގެ އެންޑީ ކެރޯލްއާއި ސްޓޯކްގެ ޕީޓަރ ކްރައުޗްގެ އިތުރުން އޭއެސް ރޯމާއަށް ކުޅެމުންއަންނަ، މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވާޑް އެޑެން ޒެކޯ ހިމެނެއެވެ.