25 Jan 2018, 22:37
މުޖުތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ކްލާތަކެއް ހިންގަން ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން ނިންމަވައިފިއެވެ.
ހިޝާން އިސްނަގައިގެން އިޔާރު ގުރުއާން ކްލާހާ ގުޅިގެން ފަށާ އެ ކްލާސްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިސްލާމް ދީނުގެ ކަންކަން ދަސްކޮށްދީ އެ ކުދިން ދީނީ ކަންކަމުގައި އަހުލުވެރި ކުރުވުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ހިޝާން ވިދާޅުވީ މި އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު ކްލާސްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ކްލާހުގައި ބައިވެރި ކުރާނެ ކުދިން ސްކްރީނުކޮށް އެ ކުދިންގެ މައިންބަފައިންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"ކްލާހުގައި ހިމެނޭނީ 10 ފިރިހެން ކުދިންނާއި 10 އަންހެން ކުދިން. އަދި ކްލާސް ކުރިއަށް ދާނީ ހަ މަހުގެ މުއްދަތަކަށް. މި ކްލާހުގައި ގުރްއާނުގެ އިތުރުން ނަމާދު ކުރަން ވެސް ދަސްކޮށްދެވޭނެ،" ހިޝާން ވިދާޅުވިއެވެ.
މިކަހަލަ ކްލާސްތަކެއް ހިންގުމަށް ހިޔާލު އުފެދުނު ގޮތާ ބެހޭގޮތުން ވާހަކަ ދައްކަމުން ހިޝާން ވިދާޅުވީ ދާދިފަހުން ގުރުއާން ހިތުދަސް ކުރި އަހުމަދު ނަބީހު އެކަން ކުރި ގޮތަށް ކުޅުޅެދުންތެރިކަން ހުންނަ ކުދިންނަށް ގުރުއާން ހިތު ދަސްކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ނަބީހު ފަދަ ކުއްޖަކަށް އެހެން ކުދިންނަށް ވެސް ވެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އެހެންވެ ބޭނުންވީ އެ ކުދިންނަށް ގުރްއާން ކިޔަވަން ދަސްކުރުމަށް މަގުފަހިކޮށްދޭން،" ހިޝާން ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްޓަކައި ގިނަ ހިދުމަތްތަކެއް ކުރަމުން އަންނަ ހިޝާން ވިދާޅުވީ ދީނީ ކަންކަމަށް ވުރެ ބޮޑަށް އެފަދަ ކުދިން ބޮޑަށް މަސްއޫލު ކުރުވަނީ ކުޅިވަރަށް ކަމަށެވެ. އެހެންކަމުން މިއަހަރު އޭނާގެ އަމާޒަކަށް ވާނީ ކުޅިވަރަށް ވުރެ ބޮޑަށް އެކުދިންނަށް ދީނީ ކަންކަން ދަސްކޮށްދިނުން ކަމަށް ހިޝާން ވިދާޅުވިއެވެ.
ހިޝާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް ގިނަ ފަރާތްތަކެއް ދަނީ މަސައްކަތް ކުރަމުން ކަމަށާއި އެފަދަ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރާ ކަމަށެވެ. އަދި ހާއްސަކޮށް އެކުދިންގެ މައިންބަފައިން ކުރާ އަގުހުރި މަސައްކަތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ހިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދުވަސްވީ މީހުނަށް އަޅާލުމުމުގައި އެތައް އަހަރުތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.