17 Aug 2011, 11:25
މާލެ އަތޮޅު، އަތޮޅު ކައުންސިލުން ފުޅާދާއިރާއެއްގައި ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ހުރިހާ މެމްބަރުންގެ ތާއިދާ އެކު ނިންމާފައި ވަނީ ލޯކަލް ޓޫރިޒަމް މާލެ އަތޮޅުގައި ތަޢާރަފްކޮށް ޓޫރިޒަމާ ބެހޭ އެކިއެކި ވިޔަފާރިތަކުގެ ތެރެއަށް ވަނުމަށެވެ. އަދި ވިޔަފާރީގެ އެހެނިހެން ފުރުސަތުތައް ވެސް ހޯދައި އިންވެސްޓް ކުރުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން އެންމެ ފުރަތަމަ މާލެ އަތޮޅު ކައުންސިލާ ގުޅިގެން ލޯކަލް ޓުއަރިޒަމްގެ ތެރެއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް ވަނީ ފާސްކޮށްފަ އެވެ.
އެ މަސައްކަތަށް މާލެ އަތޮޅު ކައުންސިލްގެ އިދާރާގައި ފުރަތަމަ އިންވެސްޓް ކުރާނީ ތުލުސްދޫގައިވާ އަތޮޅު ކައުންސިލްގެ ބިންބިމުގައި ކަމަށް އެ އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައިވެ އެވެ.
އަދި ތުލުސްދޫގައި ހުރި އަތޮޅު ކައުންސިލްގެ ބައެއް ބިންތަކަކީ ބޮޑެތި ބިންތަކެއް ކަމަށް ވުމުން އިންވެސްޓް ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި މިއީ އިންވެސްޓް ކުރުމަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް މާލެ އަތޮޅު ކައުންސިލުން ދެކެ އެވެ.