25 Jan 2018, 16:00
އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ވަކިން ލޯބިން"ގެ ޓްރެއިލާ މިއަދު ރިލީޒްކޮށްފިއެވެ.
އަންމަ މާޗް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާއިން ފުރަތަމަ ދައްކުވައިދެނީ ތަފާތު މިޒާޖެއްގެ ދެ މީހުންގެ ވާހަކަކޮޅެކެވެ.
އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ލީޑް ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލެވެ.
ޖުމައްޔިލް (އަޒާން) އަދި މަޖުދާ (ނުހާ) ކައިވެނިކޮށް ދެ މީހުން ވަރަށް އުފަލުގައި އުޅޭ މަންޒަރު ޓްރެއިލާއިން ދައްކައެވެ. ދެން ފެންނަނީ ކޮންމެވެސް ބޮޑު މައްސަލަ އެއް ދެމަފިިރިން ދެމެދު ޖެހި ނުހާ ގެއިން ނެރެލާ މަންޒަރެވެ. ދަރިފުޅާ ވަކި ނުކުރުމަށް ނުހާ ކުރަމުންދާ ވޭނީ ރުއިމުގެ މަންޒަރުތައް ޓްރެއިލާއިން ވަރަށް ރަނގަޅަށް ފެނެއެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެހެން ފިލްމުތަކާ ހިލާފަށް އެ ފިލްމަކީ ތަފާތު ފިލްމެއް ކަމަށެވެ.
ފިލްމުގައި ދެން ހަރަކާތްތެރިވާނެ ތަރިންނަކީ ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަންއެވެ.
"ވަކިން ލޯބިން" ވެގެން ދާނީ ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ތަފާތު އަދި އަސަރުން ފުރިގެންވާ، އިބްރަތްތެރި ރީތި ފިލްމަކަށެވެ.