25 Jan 2018, 17:17
މިއަހަރު ޖެނުއަރީ މަހު އޭލެވެެލް އިމްތިހާނުގެ ނަތީޖާ ލިބުނު ކުދިންގެ ނަތީޖާއަށް ބަލައި، ގައުމީ ޔުނިވާސިޓީން މަތީ ތައުލީމަށް ހުރި ފުރުސަތުތަކުގެ ޖާގަ ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވަން އެ ޔުނިވާސިޓީން ނިންމައިފިއެވެ.
ގައުމީ ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ އޭލެވެލް ނިންމި ކުދިންގެ ނަތީޖާއަށް ބަލައި އެކުދިންނަށް ހުރި ފުރުސަތުތައް ހޯދައިދިނުމަށް އަންނަ ހޮނިހިރު ދުވަހު އެ ޔުނިވަސިޓީގެ މަރުކަޒީ އިދާރީގެ ގޯތިތެރޭގައި ހަވީރު ހަތަރުން ހަޔަކަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ހަރަކާތުގައި ޔުނިވަސިޓީގައި ހުރި ކޯސްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ކޯހަށްް ވަނުމަށް އެދޭ އެޕްލިކޭޝަން ފޯމްްތައް ބަލައިގަތުމުގެ އިތުރުން ސެޓްފިކެޓްތައް އެޓެސްޓުކުރުމުގެ ހިދުމަތްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޔުނިވާސިޓީން ބުންޏެވެ.
ގައުމީ ޔުނިވަސިޓީގެ މިއަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޔުނިވާސިޓީގެ ކޯސްތަކަަށް ހޮވިފައިވާ ދަރިވަރުންނަށް މިހަފުތާ ވަނީ އޮރިއެންޓޭޝަން ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.
އެކި ކޯސްތަކުގައި 9،000 އަށް ވުރެ ގިނަ ދަރިވަރުން ގައުމީ ޔުނިވާސިޓީގައި މިއަހަރު ކިޔެވަމުން ދާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.