25 Jan 2018, 16:24
އިސްލާހީ މަސައްކަތްތަކުގެ ތެރެއިން އުޖާލާ މަންޒަރުތަކެއް ފެންނަން ފަށައިފި ކަމަށް، ހަ މަސް ދުވަހުގެ ބަންދަކަށްފަހު މިއަދު ކޯޓުން މިނިވަންކުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.
މިއަދު ފާރިސް ކޯޓުން ދޫކޮށްލީ ތިން ޝަރުތެއް ކުރިމަތި ކުރުވުމަށް ފަހު އެވެ. އެއީ ކޯޓަށް ހާޒިރުވާން އަންގާ ކޮންމެ އިރަކަށް ކޯޓަށް ހާޒިރު ވުމާއި ކޯޓުގެ ހުއްދައެއް ނެތި ރާއްޖޭން ބޭރަށް ނުދިއުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމެވެ.
ތިން ޝަރުތަކާ އެކު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ބަންދުން ދޫކޮށްލުން: ފާރިސް ދޫކޮށްލަން މިއަދު އަމުރު ކުރީ ތިން ޝަރުތެއް ކުރިމަތި ކުރުވުމަށް ފަހު އެވެ. އެއީ ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ކޮންމެ އިރަކަށް ކޯޓަށް ހާޒިރު ވުމާއި ކޯޓުގެ ހުއްދައެއް ނެތި ރާއްޖޭން ބޭރަށް ނުދިއުމެ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
ބަންދުން ދޫކޮށްލެއްވުމުން ކޯޓުން ނުކުމެ ވަަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވީ އިސްލާހީ މަސައްކަތުގައި އަދިވެސް ދެމި ހުންނަވާނެ ކަމަށެވެ.
އަދި ވިދާޅުވީ މިއަދު އޭނާ ދޫކޮށްލުމުން އެކަމުން ހިތްވަރު ލިބިގެން ދިވެހި ރައްޔިތުން ކުރިއަށް ދާންވީ ކަމަށެވެ. އަދި ރައްޔިތުން ބޭނުންފަދަ އަމާން މާހައުލެއް ގާއިމް ކޮށްދެއްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.
މިއަދު ބަންދުން ދޫކޮށްލުމުން އުފާ ކުރާ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި މިހާރު ޖަލުގައި ބޭއިންސާފުން ޖަލަށްލާފައިވާ ސިޔާސީ ލީޑަރުން ތިބިކަމަށާއި އެމީހުން މިނިވަން ކުރުމަށް ފާރިސް ވަނީ ގޮވާލާފައެވެ.