ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިދިޔަ އަހަރުގެ ފެބްރުއަރީމަހުގައި ފެށި އަހަރެންގެ ބޭންކް ކެންޕޭންގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތްތައް މިއަހަރުވެސް ކުރިއަށްގެންދަން އެ ބޭންކުން ނިންމައިފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، މިދިޔަ އަހަރުގެ ފެބްރުއަރީމަހުގައި އަހަރެންގެ ބޭންކްގެ ނަމުގައި ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމުގެ އިތުރުން ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް ކުރިއަށްގެންދިޔަ ހަރަކާތްތައް މި އަހަރުވެސް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.

" މިދިޔަ އަހަރުގެ ނަތީޖާ އާއެކު ބޭންކުގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ ބޮޑު އިތުބާރެއްލިބިފަ. އަޅުގަނޑުމެންގެ މަސައްކަތްތައް ހަރުދަނާ ކުރެވުމަކީ ދިވެހި މުޖުތަމައުއަށް ކުރަމުންދާ އިންވެސްޓްމަންޓް ކުރިއަށް ގެންދިޔުމަށާއި ރާއްޖޭގައި ހިދުމަތް އިތުރަށް ފުޅާކުރުމުގެ އިތުރުން ރާއްޖެއިން ބޭރުގައި ހިދުމަތް ދޭން ފެށުމަށްވެސް ލިބުނު ރަނގަޅު ފުރުސަތެއް،" އެންޑްރޫ ވިދާޅުވިއެވެ.

ފެބްރުއަރީމަހުގެ 28 ދުވަހު އެ ކެންޕޭން ކުރިއަށްގެންދަން ނިންމާފައިވީނަމަވެސް އެފަދަ ކެންޕޭންތައް ކުރިއަށްގެންދާނީ ހަމައެކަނި ފެބްރުއަރީ މަހުގައި ނޫންކަމަށާއި މި އަހަރު ތެރޭގައި 60 އަށްވުރެ ގިނަ ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވާކަމަށް އެންޑްރޫ ވިދާޅުވިއެވެ.

"ބޭންކުން ކުރާ މަސައްކަތުން ދޭހަވަނީ ބެންކުން ހިދުމަތްދެމުން ގެންދާ އާންމުންގެ ބޭނުންތައް ފުއްދައިދީ ހިދުމަތްތަށް ތަރައްގީކުރުމަށް ބޭންކަކުން ކުރަމުން އަންނަ ބުރަ މަސައްކަތްތައް،" އެންޑްރޫ ވިދާޅުވިއެވެ.

ތިމާވެއްޓާ ގުޅޭ ހަރަކާތްތަކާއި، ޗެރިޓީގެ ހަރަކާތްތަކާއި، ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށްގެންދާން ނިންމާފައިވާއިރު އެންޑްރޫ ވިދާޅުވީ، އެ ހަރަކާތް ތަކުގެ ތެރެއިން އައު ޕާޓްނާޝިޕްތަކަކާއި، ސީއެސްއާރް ހަރަކާތްތައް ފެނިގެންދާނެ ކަމަށެވެ.