ނިމިދިޔަ 2017 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްތައް މެދުވެރިކޮށް 10 މިލިއަން މުއާމަލާތް ކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި އެ ބޭންކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 14 ސެލްފް ސާވިސް ބޭންކިންގް ސެންޓަރު ހުޅުވާފައިވާ ކަމަށެވެ.

ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތަކުގައި ހުންނަ ޒަމާނީ އޭޓީއެމް މެޝިނުތައް މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން، ފައިސާއާއި ޗެކު ޖަމާކުރުމާއި، ފައިސާ ޓްރާންސްފާ ކުރުން އަދި އެހެނިހެން ޚިދުމަތްތައްވެސް ބޭނުންކުރެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ސެލްފް ސާވިސް އޭޓީއެމްތައް މެދުވެރިކޮށް ޖުމްލަ 10 މިލިއަން މުއާމަލާތް ކޮށްފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން 2.5 މިލިއަން މުއާމަލާތަކީ ފައިސާއާއި ޗެކު ޖަމާކުރުމުގެ މުއާމަލާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒަމާނީ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ނެތް ނަމަ މި 2.5 މިލިއަން މުއާމަލާތް ހިނގާނީ، ކަސްޓަމަރުން އަޅުގަނޑުމެންގެ ބްރާންޗުތަކަށް އައިސް ކިއު ހަދައިގެން ޚިދުމަތް ހޯދަންޖެހޭ ގޮތަށް،"

އެންޑްރޫ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިހާރު ވަނީ، އެމީހަކަށް ފަސޭހަ ވަގުތެއްގައި ސެލްފް ސާވިސް އޭޓީއެމްތައް މެދުވެރިކޮށް ޗެކާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތަށް ހޭނިފައި ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ީ ސެލްފް ސާވިސް އޭޓީއެމްއާއި، މޯބައިލް ބޭންކިންގް އަދި އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް 2016 ވަނަ އަހަރުގެ ތެރޭގައި ހަތަރު މިލިޔަން މުއާމަލާތް ހިނގާފައިވާ ކަމަށެވެ.