17 Aug 2011, 11:05
ޓްރިޕޮލީ (އޮގަސްޓް 17) : ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަ ކުރަމުންގެންދާ އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިން ވެރިރަށް ޓްރިޕޮލީއާ ގާތްވެ އެރަށް ޙިސާރު ކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ހަނގުރާމަވެރިންގެ ތަރްޖަމާނަކު ޚަބަރުފަތުރާ ވަސީލަތްތަކަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ ޓްރިޕޮލީގެ އިރު ދެކުނާއި ދެކުނާ އަދި ހުޅަނގުން ހަނގުރާމަވެރިން އެރަށާ ގާތްވެ އެރަށް ވަށާލަމުންދާ ކަމުގައެވެ. ޓްރިޕޮލީގެ ވަށައިގެންވާ ގިނަރައްތައް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް މިހާރު ގެނެވިފައިވާއިރު މީގެތެރޭގައި ޓްރިޕޮލީގެ ކައިރީގައިވާ އެންމެ ބޮޑު އަދި ސްޓްރެޓީޖިކް ދެރައް ކަމަށްވާ ޒާވިޔާއާއި ޣިރިޔާން ހިމެނެ އެވެ.
މީގެއިތުރުން ހަނގުރާމަވެރިންވަނީ ޓްރިޕޮލީއަށް ކާބޯތަކެއްޗާއި ފިއުލްއާއި އެނޫންވެސް އަސާސީ އަދި ޒަރޫރީ ބާވަތްތައް ސަޕްލައިކުރުމުމަށް ބޭނުންކުރާ ތޫނިސް – ޓްރިޕޮލީ ހައިވޭގެ ބައެއް ސަރަޙައްދުތައްވެސް އެމީހުންގެ ބާރުގެ ދަށަށް ގެނަސްފައެވެ. މިއީ ގާތްގަނޑަކަށް 600 ކިލޯމީޓަރުގެ ހައިވޭއެކެވެ.
ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ވައިގެ ޙަމަލާތައް ދެމުންގެންދާ ނޭޓޯއިން ރޭބުނީ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ފާއިތުވެދިޔަ ދެހަފްތާ ތެރޭގައި ގައްޒާފީގެ ބާރުތަކުގެ މައްޗަށް އާދަޔާ ޚިލާފު ކުރިއެރުންތަކެއް ހޯދައި ޓްރިޕޮލީގެ ވަށައިގެންވާ ރައްތަކުން ގައްޒާފީގެ ބާރުތައް ފައްސާލާފައިވާ ކަމުގައެވެ.އަދި ޓްރިޕޮލީ ވަށާލައި އެރަށް ޙިސާރު ކުރުމަށް ޓަކައި ހަނގުރާމަވެރިން ތައްޔާރުވަމުންދާ ކަމަށްވެސް ނޭޓޯގެ ތަރްޖަމާނަކު ވިދާޅުވި އެވެ.
އަނެއްކޮޅުން އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ބެނީޓާވަނީ ގައްޒާފީގެ ވެރިކަމުގެ ދުވަސްތައް ވަރަށް މަދުވެއްޖެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުން އިއްޔެ ސްކަޑް މިސައިލެއް ބޭނުންކުރި ކަމަށާ ނަމަވެސް މި މިސައިލްވަނީ އަމާޒަށް ވާސިލްވުމުގެ ކުރިން ވެއްޓިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ޓްރިޕޮލީގެ ދިފާޢުގައި ބާރުގަދަ ހަތިޔާރު ގައްޒާފީ ބޭނުންކުރައްވާނެ ކަމަށް ޢަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. (އަލްޖަޒީރާ+ރޮއިޓާސް)