ގާހިރާ (ޖެނުއަރީ 25): މިސްރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީއާ ވާދަ ކުރައްވަން ހުންނެވި ހަމައެކަނި ކެންޑިޑޭޓު އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. މިއާ އެކު، މިވަގުތު އެގައުމުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ހަމައެކަނި ކެންޑިޑޭޓަކީ މިހާރުގެ ރައީސް އަބްދުލްފައްތާހު ސީސީއެވެ.

މިސްރުގެ އިންސާނީ ހައްގުތަކާ ބެހޭ ވަކީލެއް ކަމަށްވަ ޚާލިދު އަލީ ވިދާޅުވި ގޮތުގައި އަންނަ މާޗު މަހު ބާއްވާ އިންތިހާބުގައި ވާދަ ނުކުރަން ނިންމެވީ އެއީ އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ.

މިސްރުގެ އިންސާނީ ހައްގުތަކާ ބެހޭ ވަކީލެއް ކަމަށްވާ ޚާލިދު އަލީ ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: ރޮއިޓާސް

ދެހާސްބާރަ ވަނަ އަހަރުވެސް ވެރިކަމަށް ވާދަ ކުރެއްވި އަލީގެ މައްޗަށް ވަނީ މުޒާހަރާއެއްގައި ބޭއަދަބީ މުއާމަލާތެއް ކުރުމުގެ ކުށުގައި މީގެ ކުރިން ތިން މަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. އެހުކުމް މިހާރު ސަސްޕެންޑުކޮށްފައިވާ އިރު އަލީ ވަނީ އެއީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާތީ އެކަން ހުއްޓުވުމުގެ ގޮތުން ކުރި ދައުވާތަކެއް ކަމަށް ވިދާޅުވެފައެވެ.

އަލީ އެފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ސީސީއާ އެންމެ ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ދެ ކެންޑިޑޭޓަކު ރޭހުން ވަކިވި ފަހުންނެވެ. އޭގެ ތެރޭގައި އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ސަމީ އަނާން އާއި މިސްރުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގު ހިމެނެ އެވެ.

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ސަރުކާރު އަސްކަރީ ބަގާވާތަކުން ވައްޓާލި ފަހުން 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ސީސީ ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ލިޔެކިޔުންތައް އިއްޔެ ހުށަހަޅުއްވާފައެވެ. (އަލްޖަޒީރާ)