25 Jan 2018, 15:08
ރާއްޖެއިން ލިބެންޖެހޭ ރެވެނިއު ގެއްލޭ ކަންކަމާއި، ނުރައްކާތެރި ކަމެއް ދިމާވެދާނެ ކަންތައްތަކަށް ފާރަވެރިވެ، ކެރިގެން ކުރިމަތިލާ ބައެއްގެ ގޮތުގައި އަބަދުވެސް ކަސްޓަމްސް ވާނެކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ގައުމަށް އެތެރެވެދާނެ އެއްޗަކަށް ނުވަތަ ގައުމުން ގެއްލިދާނެ ރެވެނިއުއަށް ބަލަންޖެހޭ ކަމަށެވެ.
"މިގައުމަށް އެއްޗެއް އައިސް، ދެން ދާ ގައުމަކަށް ގެންދިއުމުގެ ކުރިން މި ގައުމުންވެސް ބަލަންޖެހޭ ކަންތައްތަކެއް ވޭ. އެކަމަށް ބޭނުންވާ ޑިކްލަރޭޝަން މައުލޫމާތުތައް ނޭގޭނަމަ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ. އެހެންކަމުން ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ބޭނުން،" ޝަރީފް ވިދާޅުވުިއެވެ.
އެފަދަ ކަންކަމުގައި ރާއްޖޭގެ ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މިއަހަރުގެ ކަސްޓަމްސް ދުވަހުގެ ޝިއާރަކީ "އިގްތިސާދީ ތަރައްގީ އަށްޓަކައި ރާއްކާތެރި ވިޔަފާރި މާހައުލެއް"އެވެ.
ޝަރީފް ވިދާޅުވީ، މިއަހަރުގެ ޝިއާރާ އެއްގޮތައް ކަސްޓަމްސްގެ އެންމެ ބޮޑު އަދި މައިގަނޑު އަމާޒަކީ ވިޔަފާރިވެރިންނާއި ބްރޯކަރުންނަށް ސަލާމަތާއި ރައްކާތެރި، އެކަށޭނަ މާހައުލެއް ގާއިމްކޮށްދީ ވިޔަފާރިވެރިންނަށް ފެސިލިޓޭޓު ކޮށްދިނުން ކަމަށެވެ.
ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ 26 ޖެނުއަރީއެވެ. ކަސްޓަމްސްގެ މުވައްޒަފުންވަނީ ކަސްޓަމްސްގެ 127ވަނަ އަހަރީ ދުވަހުގައި ތައާރަފް ކުރި އާ ޔުނީފޯމް މިއަދުން ފެށިގެން ބޭނުން ކުރަން ފަށާފައެވެ.