25 Jan 2018, 12:07
ތިން ޝަރުތަކާ އެކު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ބަންދުން ދޫކޮށްލައިފިއެވެ.
މިއަދު ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފާރިސްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުމެވެ.
ފާރިސް ދޫކޮށްލަން މިއަދު އަމުރު ކުރީ ތިން ޝަރުތެއް ކުރިމަތި ކުރުވުމަށް ފަހު އެވެ. އެއީ ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ކޮންމެ އިރަކަށް ކޯޓަށް ހާޒިރު ވުމާއި ކޯޓުގެ ހުއްދައެއް ނެތި ރާއްޖޭން ބޭރަށް ނުދިއުމެވެ.
މީގެ ކުރިން އެމައްސަލައިގައި ފާރިސްގެ ފަރާތުން އެދިފައިވަނީ އޭނާގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ފޮރެންސިކް ހެކިތައް މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ތަހުލީލު ކުރުމަށަވެ. އަދި އެކެމަށް ދައުލަތުން ވެސް އިއުތިރާޒްކޮށްފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ އެކަމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭތީ އަދި މިހާރުވެސް ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމުން ފާރިސް ބަންދުން ދޫކޮށްލަނީ ކަމަށެވެ.
މިއަދުގެ ޝަރީއަތް ފެށުމާއި އެކު ވެސް ފާރިސްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު މައުމޫނު ހަމީދު ވަނީ ފާރިސް ބަންދުން ދޫކޮށްލުމަށް އެދިފައެވެ. ސަބަބެއްގެ ގޮތުގައި މައުމޫން ވިދާޅުވީ ފާރިސް ބަންދުގައި ހުރުމުން އޭނާއާ ބައްދަލުކޮށް މަޝްވަރާތައް ކުރުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވާ ކަމަށާއި އެކަމުގެ ސަބަބުން އިންސާފް ގާއިމު ކުރުމަށް ހުރަސް އެޅެމުންދާ ކަމަށެވެ.
ފާރިސްގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހަޅުއްވާފައި ވާއިރު މައުމޫން ވިދާޅުވީ ހުށަހެޅުންތަކުގެ 90 ޕަސަންޓު ބިނާވެފައިވަނީ ފާރިސްގެ ބަންދާ ކަމަށާއި އޭނާ ބަންދުން މިނިވަން ކުރުމުން މައްސަލައިގައި ކުރިއަށް ދިއުމަށް ވެސް ލުއި ފަސޭހަތަކެއް ކުރިމަތިވާނެ ކަމަށެވެ.
ފޮރެންސިކް ހެކި ތަހުލީލު ކުރުމަށް ފާރިސްގެ ފަރާތުން ވަނީ މިނިވަން ތިން ވަނަ ފަރާތެއްގެ ނަން މިއަދު ކޯޓަށް ހުށަހަޅާފައެވެ.
ފޯނުގެ ފޮރެންސިކް ރިޕޯޓާ ގުޅިގެން ފާރިސްގެ ވަކީލުން މީގެ ކުރިން ފާހަގަކުރި މައްސަލައަކީ ފުލުހުން އެ ފޯނު ހިފެހެއްޓި ތާރީޚުގެ ފަހުން އެ ފޯނަށް ލިބިފައި ހުރި ފޮޓޯތަކެއް އެ ރިޕޯޓުގައި ހުށަހަޅާފައި އޮތުމެވެ. ފޯނު ހިފެހެއްޓި ތާރީހެއްގެ ގޮތުގައި އެ ރިޕޯޓުގައި އޮތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ. ނަމަވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި އޮތް ފޮޓޯއަކީ ޖޫން 15 ވަނަ ދުވަހުގެ ފޮޓޯއެކެވެ.
އެހެންކަމުން ފާރިސްގެ ވަކީލުން ވަނީ އެ ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ ހެކި އިތުރަށް ތަހްލީލު ކުރަން ބޭނުންވާ ކަމަށް ހުށަހަޅައިފައެވެ.
މައުމޫނު ހަމީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުން މީގެ ކުރިން ބުނެފައި ވަނީ އެ ފޯނު ހިފެހެއްޓި ތާރީޚުގެ ގޮތުގައި ޖޫން މަހުގެ ފަސް ވަނަ ދުވަސް ލިޔެފައި އޮތީ އޮޅުމަކުން ކަމަށާއި ރަނގަޅު ގޮތަކީ ޖުލައި މަހުގެ ފަސް ވަނަ ދުވަސް ކަމަށެވެ.