17 Aug 2011, 09:58
ތެހެރާން (އޮގަސްޓް 17) : އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގައި ބޭނުންކުރާ ނިއުކްލިޔާ މެޝިނަރީގެ 70 އިންސައްތައަކީ އީރާނުގެ އަމިއްލަ އުފެއްދުން ކަމަށް އެޤައުމުން ބުނެފި އެވެ.
އީރާނުގެ ނިއުކްލިޔާ އެޖެންސީގެ ވެރިޔާ ޑޮކްޓަރު ފަރީދޫން ޢައްބާސް ވިދާޅުވީ އީރާނުގެ އެންމެ ބޮޑު ނިއުކްލިޔާ މަޒުކަރު ކަމަށްވާ ބޫޝަހެރު ނިއުކްލިޔާ ޕްލާންޓްގައި ބޭނުންކުރާ އާލާތްތަކުގެ ތެރެއިން 70 ޕަސެންޓް އާލާތްތައް އުފައްދާފައި ވަނީ އީރާނުގެ ސައެންސްވެރިންނާއި އިންޖިނޭރުންގެ އެހީގައި އީރާނުގެ ކާރުޚާނާތަކުގައި ކަމުގަ އެވެ.
މީގެއިތުރުން ޔޫރޭނިޔަމް ފައްކާކުރި ލެބޯޓްރީތަކުގައި ބޭނުންކުރާ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތަކުގެ 95% އަކީ ވެސް އަމިއްލަ އުފެއްދުންތައް ކަމަށާއި ޑަކްޓަރީ ކަންކަމުގައާއި ދަނޑުވެރިކަން ފަދަ މަދަނީ ކަންކަމުގައި ޏިއުކްލިޔާ ރޭޑިއޭޝަންއާއި ހަކަތަ ބޭނުންކުރުމަށް ގެންގުޅޭ މެޝިންތަކާއި އާލާތްތަކުގެ 70 ޕަސެންޓަކީ ވެސް އީރާނުގެ ސައެންސްވެރިންނާއި އިންޖިނޭރުންގެ އީޖާދުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން ވަނީ ނިއުކްލިޔާ ރިއެކްޓަރެއް އަމިއްލަ ޓެކްނޮލޮޖީގައި ބިނާކުރުމުގެ މަސައްކަތް ވެސް 2005 ވަނަ އަހަރު ފަށާފަ އެވެ. މިރިއެކްޓާ ބިނާކުރުމުގެ މަސައްކަތް ކުރަނީ އީރާނުގެ ކުންފުނިތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުގެ އެންމެ ބޮޑު ނިއުކްލިޔާ ރިއެކްޓަ ކަމަށްވާ ބޫޝަހެރު ނިއުކްލިޔާ ޕްލާންޓް ރަސްމީ ސިފައެއްގައި މިހިނގާ އޮގަސްޓް މަހުގެ ފަހުކޮޅު އިފްރތިތާޙް ކުރާނެ ކަމަށް ވެސް ފަރީދޫން ވިދާޅުވި އެވެ. އެޕްލާންޓުންލިބޭ ކަރަންޓް އީރާނުގެ އެތެރޭގެ ކަރަންޓްގެ ވިޔުގަތަކާ ގުޅާލުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އިތުރު 20 ނިއުކްލިޔާ އިންޖީނުގެ ބިނާކުރުމުން އީރާނަށް ބޭނުންވާ ކަރަންޓްގެ 70 ޕަސެންޓް ނިއުކްލިޔާ ހަކަތައިން އުފެއްދޭނެ ކަމަށާއި މިއީ 20 އަހަރުގެ މަޝްރޫޢެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. (އަލްޖަޒީރާ)