24 May 2010, 15:58
19:00
ތ. ބުރުނީގައި ބުރޫނާއި ސަރުކާރުން އަޅައިދޭން ބުނެފައިވާ މިސްކިތުގެ މައްސަލައިގައި ސަރުކާރުން އެކަށީގެންވާ ޖަވާބެއް ދީފައިނުވާތީ ރައީސުލްޖުމްހޫރިއްޔާ އަށް ޕެޓިޝަނެއް ހުށަހެޅުމަށްފަހު ރައްޔިތުން މިއަދު ކުރަމުންދިޔަ މުޒާހަރާ އަނެއްކާވެސް މެދުކަނޑާލައިފި އެވެ.
ބުރުނީ ކައުންސިލަރު މޫސާ އަބްދުލްގާދިރު ވިދާޅުވީ ރައްޔިތުން މިއަދު ހެނދުނު ރަށު އޮފީސް ދޮށަށް އެއްވެ މުޒާހަރާކުރަން ފެށުމުން އިސްލާމިކް މިނިސްޓްރީ އަށް ގުޅާފައި، އެ މިނިސްޓްރީން އެދިފައިވާ ގޮތަށް އެރަށުގައި ހުރި އެއް މިސްކިތް އުވާލަން ރައްޔިތުންގެ ވޯޓެއް ނަގާފައިވާ ކަމަށް ދަންނަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ވޯޓެއް އަދި އެގޮތަށް ނެގި ނަމަވެސް މިސްކިތް އެޅުމާމެދު ގޮތެއް ނިންމާނީ ނެޝެނަލް ޕްލޭނިން ކައުންސިލުން ކަމަށް ބުނެ އެ މިނިސްޓްރީން ފުރަތަމަ ދުވަހު ދިން ޖަވާބު ތަކުރާރުކޮށްފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުން ހިތްހަމަނުޖެހިގެން ދެން ރަށު އޮފީސް ކައިރިން މުޒާހަރާ ހުއްޓާލައި ދުރަށް ދާނީ މިސްކިތް އަޅައިދޭނެ ކަމަށް ބުނެ ލިޔުމަކުން ސަރުކާރުގެ ރަސްމީ ފަރާތަކުން އެންގުމުން ކަމަށް ބުނެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
ކައުންސިލަރު ވިދާޅުވީ އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އިތުރު އެއްވެސް ޖަވާބެއް އެ ބޭފުޅުންނަށް ދީފައިނުވާ ކަމަށެވެ. އަދި މިއަދު ރައްޔިތުން ކުރަމުންދިޔަ މުޒާހަރާ ހަވީރު މެދު ކަނޑާލައިފައިވަނީ ރައީސް އަށް އެކަމާ ގުޅޭ ގޮތުން ޕެޓިޝަނެއް ހުށަހެޅުމަށްފަހު ރައީސްގެ އަތްޕުޅަށް އެ ޕެޓިޝަން ލިބިވަޑައިގެން ކަން ޔަގީން ކުރުމަށްފަހު ކަމަށެވެ. އަދި އެ ޕެޓިޝަނާ ގުޅިގެން ގޮތެއް ނިންމަވަން ރައީސް އަށް ފުރުސަތު ދެއްވާނެ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ބުރުނާއީ ސަރުކާރުން ބުރުނީގައި މިސްކިތެއް އެޅުމަށް ހަތަރު މިލިއަން ރުފިޔާ ދީފައި ވަނިކޮށް އެރަށުގެ 99 އަހަރު ވީ ބާ މިސްކިތް މަރާމާތުކުރަން ސަރުކާރުން ނިންމުމުން އެރަށު ރައްޔިތުން ދަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެކަމާ ހިތް ހަމަނުޖެހިގެން ރަށު އޮފީސް ކައިރި އަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.