ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) ގެ މެމްބަރުންނާ ބައްދަލު ކުރުމަށް އެ ކޮމިޝަނަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލާގެ ފަރާތުން ހުށަހެޅި ސިޓީއަކާ ގުޅިގެން އޭނާގެ ވަކީލުންނާއި އާއިލާއާ ކޮމިޝަންގެ މެމްބަރުން ބައްދަލުކުރައްވައިފިއެވެ.

އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް އަދި ނައިބު ރައީސް މުހައްދު ޒާހިދުވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި އެޗްއާރުސީއެމުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ.

އަދި އަދީބުގެ ބޭސްފަރުވާއާ ގުޅިގެން އެޗްއާރުސީއެމަށް ހުށަހަޅާފައިވާ މައްސަލަަ މިހާރު ގޮސްފައި އޮތް ހިސާބުގެ ތަފްސީލުވެސް އެޗްއާރުސީއެމުން ވަނީ ދީފަ އެވެ.

އަދީބަށް ގްލޮކޮމާ ޖެހި ލޮލަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް އާއިލާއިން ވަނީ ކަރެކްޝަންސްގައި އެދިފަ އެވެ. އަދި ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާތީ އެކަމަށް ރާއްޖޭން ބޭރަށް ފޮނުވުމަށްވެސް ވަނީ އެދިފަ އެވެ.

އަދީބު މިހާރު ގެންދަވަނީ 33 އަހަަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.