25 Jan 2018, 17:56
ފިލްމީ ތަރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ ގުޅިގެން ކުޑަކުދިންގެ ފިލުމެއް ހަދަން ތައްޔާރުވެއްޖެއެވެ.
"ސަން" އާ ވާހަކަ ދައްކަމުން ޒިޔާ ބުނީ އިއްސެއާ ދެމީހުން ވެގެން މިހާރު ޕްރޮޑަކްޝަން ހައުސްއެއް ހަދާފައިވާ ކަމަށާއި އެ ޕްރޮޑަކްޝަން ހައުސްއިން މިހާރު ކުޑަކުދިންނަށް ހާއްސަ ފިލްމެއް ހަދަން ތައްޔާރުވެފައި ވާ ކަމަށެވެ.
"މި މަހު ފަހުކޮޅު ޝޫޓިން އަށް ފުރާނަން. ޝޫޓިން ކުރިއަށްދާނީ ކުޅުދުއްފުށީގައި،"
ޒިޔާ ބުނީ ފިލްމަކީ މީގެ ކުރިން ފެނިގެން ގޮސްފައިވާ ކުޑަކުދިންގެ ފިލްމުތަކާ އެއްގޮތް ފިލްމަކަށް ވާނެ ކަމަށެވެ.
"ވަސްވާސް ކަހަލަ ފިލްމެއް ހަދަން މި އުޅެނީ. މުހިއްމު ރޯލުތަކުން ފެންނާނީ އިއްސެ އާ ޒިޔާ" އޭނާ ބުންޏެވެ.
އިތުރު ރޯލުތަކުން ފެންނާނީ ކުޅުދުއްފުށީ މީހުންނާ ކުދިން ކަމަށާއި، އެގޮތަށް ހެދީ އާ ފަރާތްތަކަށް ފިލްމީ ދާއިރާއިން ފުރުސަތު ދިނުމަށް ކަމަށް ޒިޔާ ބުންޏެވެ.
"ދިހަ ވަރަކަށް ދުވަސް ތެރޭ ޝޫޓިން ނިންމާލެވޭނެ. އޭގެ ފަހުން ދެ މަސް ތެރޭގައި ފިލްމު އަޅުވަން މި މަސައްކަތް ކުރަނީ" ޒިޔާ ބުންޏެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ ފިލްމު ސްކްރީން ކުރާނީ ކުޅުދުއްފުށީގައި ކަމަށެވެ. އޭގެ ފަހުން އޮލިމްޕަހުގައިވެސް ފިލްމު ސްކްރީން ކުރެވޭނެއެވެ.

މި ފިލްމުގެ އިތުރުން ޒިޔާ އާ އިއްސެ ގުޅިގެން ހަދާފައިވާ ވީޑިއޯ ލަވައެއްވެސް ވަރަށް އަވަހަށް ފެންނާނެއެވެ.
"މިއީ ރިފްއަތުގެ ލަވައެއް. ލަވައިގެ އެންމެ ހާއްސަ ކަމަކީ ވީޑިއޯ އިންވެސް ފެންނާނީ ރިފްއަތު. އަންހެން ތަރިއަކަށް ފެންނާނީ މަލް" ޒިޔާ ބުންޏެވެ.
މި ލަވައިގެ ވީޑިއޯ ވަރަށް އަވަހަށް ޓީވީ ޗެނަލްތަކުން ދައްކާނެ ކަމަށް ޒިޔާ ބުންޏެވެ.