25 Jan 2018, 10:10
ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިިމް ށ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ނާޒިމް އެންމެ ފުރަތަމަ ވަޑައިގަތީ ށ. ނަރުދޫ އަށެވެ. ނަރުދުއަށް ފަހު އެ އަތޮޅު މިލަންދުއަށް ވަޑައިގެން އެރަށުގެ ހެލްތު ސެންޓަރަށް އަލަށް އިތުރު ކުރި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ.
މިލަންދޫ ހެލްތް ސެންޓަރުން އަންހެނުންގެ ޑޮކްޓަރުގެ ހިދުމަތާއި ކުޑަކުދިންގެ ޑޮކްޓަރުގެ ހިދުމަތް މިހާރު ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެެ.

ހެލްތް މިނިސްޓަރު ނާޒިމް ށ އަތޮޅު މިނަލްދޫ ހެލްތްް ސެންޓަރުގެ އާ އިމާރާތް ހުޅުއްވައިދެއްވުން --- ފޮޓޯ: ހެލްތް މިނިސްޓްރީ
މިލަންދޫ ހެލްތް ސެންޓަރުގެ އާއިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމު ވިދާޅުވީ، ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ޑޮކްޓަރުން ލިބުމުގެ ދަތިކަން ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް ސައރުކާރުން މެޑިކަލް ކޮލެޖު ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

--- ފޮޓޯ: ހެލްތް މިނިސްޓްރީ
މިލަންދޫ ސިއްހީ މަރުކަޒަށް 16 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ކޭކު ފެޅުމުގެ ހަރަކާތުގައިވެސް މިނިސްޓަރު ބައިވެރިވެލެއްވިއެވެ.
މި ދަތުރުފުޅުގައި ކޮމަންޑޫ ސިއްހީ މަރުކަޒުގެ އާ އިމާރާތްވެސް މިނިސްޓަރު ނާޒިމް ހުޅުއްވައިދެއްވާނެއެވެ.
ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ފުނަދުއަށް ވަޑައިގެން އެރަށުގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނާ މިނިސްޓަރު ވަނީ ބައްދަލަލު ކުރައްވައިފައެވެ.