16 Aug 2011, 23:31
ލަންޑަން (އޮގަސްޓް 16) : އިނގިރޭސި މުޖްތަމަޢު ހަލާކުވެފައިވާ ކަމަށާ ހަލާކުވެފައިވާ އިނގިރޭސި މުޖްތަމަޢު އިސްލާޙް ކުރައްވައި އަލުން އާރާސްތުކުރައްވާނެ ކަމަށް ވިދާޅުވެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވާހަކަ ދައްކަވައިފިއެވެ.
ރައްޔިތުންނާ މުޚާތަބު ކުރައްވައި މިއަދު ދެއްވި ބަޔާނެއްގައި ކެމެރޮން ވިދާޅުވީ މިދިޔަ ހަފްތާގައި ލަންޑަންގައާއި އިނގިރޭސި ބޮޑެތި ރައްތަކުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގަޑުބަޑުތަކަކީ އެތަށްޒަމާނެއް ވަންދެން ޙައްލުނުވެ ދިގުލާފައިވާ އިޖްތިމާޢީ އަދި މަދަނީ މައްސަލަތަކެއްގެ ނަތީޖާ ކަމަށާ އެންމެފަހުން މިމައްސަލަތައް ބޮމެއްގެ ގޮތުގައި ފަޅައިގެން ދިޔައީ ކަމުގައެވެ.
ކެމެރޮން އިތުރަށް ވިދާޅުވީ އިނގިރޭސި ރައްޔިތުން ބޭނުންވަނީ ޢިމާރާތްތަކާއި ފިހާރަތަކުގައި އަލިފާންޖަހައި ތަންތަންލޫޓުވައި ވައްކަންކުރި މުޖްރިމުން ހައްޔަރުކޮށް އެމީހުންނަށް އަދަބު ދިނުންނޫން ކަމަށާއި އިނގިރޭސި މުޖްތަމަޢުގައި އެތަށްޒަމާނެއް ވަންދެން ޙައްލުނުވެ ދިގުލާފައިވާ އިޖްތިމާޢީ އަދި މަދަނީ މައްސަލަތައް ހައްލުކުރުން ކަމަށް ކެމެރޮން ވިދާޅުވިއެވެ.
މިދޔަ ހަފްތާގައި އިނގިރޭސިވިލާތުގައި ހިނގި ހަމަނުޖެހުންތަކުގައި 2800 މީހުން ހައްޔަރުކޮށްފައިވާއިރު 600 އަށްވުރެ ގިނަމީހުންގެ މައްސަލަ ޝަރީޢަތަށް ޙާޒިރު ކުރާނެ ކަމަށް އިނގިރޭސިފުލުހުން ބުނެފައިވެއެވެ. ހަމަނުޖެހުންތައް ފެށެން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި ކެމެރޮންގެ ސަރުކާރުން ގެންގުޅެން ފަށާފައިވާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން މެދުފަންތީގެ މީހުންނާއި ފަގީރުންގެ ވަޒީފާތައް ގެއްލި އިޖްތިމާޢީ ރައްކާތެރިކަމުގެ ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން އެމީހުންގެ ދިރިއުޅުމުގެ ފެންވަރުދަށްވެ މުއްސަނދިންނާއި ފަގީރުންގެ ތަފާތުތައް އިޖްތިމާޢީ ޢަދާލަތު ގެއްލުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.
އިނގިޭސި މުޖްތަމަޢުގައި ޙައްލުކުރެވިފައިނުވާ މައްސަލަތައް ފުނިޖެހިފައިވާކަމަށް ކެމެރޮން އެއްބަސްވެ ވަޑައިގަތީ އޭނާގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހިފައިވާ ޢާންމު ރައްޔިތުން ރުއްސުމުގެ ސިޔާސީ ބޭނުމުގައި ކަމަށް މުޙައްލިލުން ސިފަކުރެއެވެ. (ބީ.ބީ.ސީ)