25 Jan 2018, 09:41
މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕްޗެޓްގެ ނައިބު ރައީސްގެ މަގާމުގައި ހުރި ޓޮމް ކޮންރާޑް އެ މަގާމުން ވަކިވާން ނިންމައިފިއެވެ. ސްނެޕްޗެޓުންވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.
ޓޮމް މަގާމުން ވަކިވަނީ ޓެކްނޮލަޖީ އިންޑަސްޓްރީއާ ދުރުގައި ވަގުތު ހޭދަކުރުމަށެވެ. އޭނާ ސްނެޕްޗެޓާ ގުޅުނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
ސްނެޕްޗެޓާ ގުޅުމުގެ ކުރިން ޓޮމްއަކީ ގަހަނާ އުފައްދާ ކުންފުނި ޕެންޑޯރާގެ ޗީފް ޓެކްނިކަލް އޮފިސަރެވެ. ސްނެޕްޗެޓުން ވަކިވާން ޓޮމް ނިންމި އިރު ދާދިފަހުން ސްނެޕްޗެޓްގެ ޑެޕިއުޓީ ސީއީއޯ ކަމުގެ މަގާމުވެސް އޭނާ އަށް ވަނީ ދީފައެވެ. ޓޮމް އަކީ ސްނެޕްޗެޓުގެ ސީއީއޯ އެވަންގެ ގާތް މީހެކެވެ.
ޓޮމް ސްނެޕްޗެޓާ ދުރަށް ދާން ނިންމާފައި މިވަނީ އެ އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާ، އެކަން އިއުލާނުކޮށްފައިވާ ވަގުތަކާ ދިމާކޮށެވެ. ސްނެޕްޗެޓުން އެ އެޕްލިކޭޝަނަށް ގެންނަމުންދާ ބަދަލުތަކާމެދު އެޕްލިކޭޝަން ބޭނުންކުރާ މީހުން އެހާ ހިތްހަމަ ނުޖެހޭކަމަށް ރިވިއު ތަކުން ދައްކައެވެ.
ޓޮމް ސްނެޕް ދޫކޮށްލަން އުޅޭއިރު އެ އެޕްލިކޭޝަން ހިންގުމުގެ އިސްމަގަމުތަކުގައި ތިބި ގިނަ ބަޔަކު ފާއިތުވި ދުވަސްތަކުގައި ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.