25 Jan 2018, 09:40
އެމެރިކާ ޖިމްނާސްޓިކް ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ލެރީ ނަސަރުގެ މައްޗަށް އެމެރިކާގެ ކޯޓަކުން 175 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
ޑރ. ލެރީ ނަސަރަކީ އެކި ފަހަރުމަތިން ގަދަރާ އިއްޒަތް ގެއްލިފައިވާ ޑޮކްޓަރެކެވެ. ނަސަރުގެ މައްޗަށް އިއްޔެކުރި ހުކުމަކީ 160 އަށްވުރެ ގިނަ އަންހެނުންނަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ ކުރި ހުކުމެކެވެ.
ނަސަރުގެ މައްޗަށް ހުކުމްކުރި އެމެރިކާ ފަނޑިޔާރު ރޮޒްމެރީ އެކުއެލީނާ ވަނީ އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ 160 މީހެއްގެ ހެކިބަސް އަޑުއަހާފައެވެ. ނަސަރު ޖިންސީގޮތުން ހާނީއްކަ ކޮށްފައިވާ އަންހެނުންގެ ތެރޭގައި ޒުވާން އަންހެން ކުދިންނާއި ކުޑަކުދިން ހިމެނެއެވެ. މީގެ ތެރޭގައި އޮލިމްޕިކް އެތުލީޓުންވެސް ހިމެނެއެވެ.
އުމުރުން 54 އަހަރުގެ ނަސަރުގެ މައްޗަށް މީގެ ކުރިންވެސްވަނީ 60 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. އެ ޖަލު ހުކުމަކީ ކުޑަކުދިންތަކަކަށް ގަދަކަމުން ބަރަހަނާ މަންޒަރު ދައްކަން އުޅުނުކަމުގެ ތުހުމަތުތަކެއް ސާބިތުވުމުން ކޮށްފައިވާ ހުކުމެކެވެ.
އިއްޔެ ކުރި ހުކުމުގެ ކުރިން ލެރީ ނަސަރު މާފަށް އެދުނު ނަމަވެސް، ފަނޑިޔާރު އެކުއެލީނާ ވިދާޅުވެފައިވަނީ ޖަލުން ބޭރުގައި އެންމެ ހިނދުކޮޅަކުވެސް ހުރުން ނަސަރަށް ހައްގު ނޫން ކަމަށެވެ. އަދި ޑޮކްޓަރެއްގެ ޕްރޮފެޝަނަލިޒަމުން ބޭރުން ކުރަމުންދިޔަ އެތައް ކަމަކާއެކު އޭނާއަށް ޖަލުގައި އުމުރު ހުސްކޮށްލުން ހައްގު ކަމަށްވެސް އެކުއެލީނާ ވިދާޅުވިއެވެ.
ފަނޑިޔާރު ރޮޒްމެރީ އެކުއެލީނާގެ ހިތްވަރުގަދަ ހުކުމާއެކު މީސް މީޑިއާގައި ގިނަ ބަޔަކުދަނީ އޭނާއަށް ތައުރީފްކުރަމުންނެވެ.