16 Aug 2011, 23:10
އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެފްއޭއެމް އިން ބާއްވަމުން އަންނަ ވެޓަރަންސް ކަޕުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗް ވިކްޓަރީން ކާމިޔާބު ކޮށްފި އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މިމެޗް ވިކްޓަރީން ކާމިޔާބު ކުރީ 3-1 ލަނޑުން ނެވެ. އެގޮތުން މެޗްގެ 21 ވަނަ މިނެޓުގައި ވިކްޓަރީއަށް ލީޑް ނަގައި ދިނީ މުޙައްމަދު ޝާޒްލީ އެވެ. އަދި އޭގެ ހަ މިނެޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ލަނޑުގެ ލީޑެއް ވިކްޓަރީއަށް ނަގާދީފައެވެ.
މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު، 2-0 ލަނޑުން ވިކްޓަރީން ލީޑް ނެގި ކަމުގައި ވިޔަސް، ދެ ވަނަ ހާފުގައި އިދި ކޮޅު ނިއު ރޭޑިއަންޓުގެ އިސްހާގް މުހައްމަދު ވަނީ ގޯލެއް ކާމިޔާބުކޮށް، ވިކްޓަރީން ފުޅާކުރި ލީޑް ހަނިކޮށްލާ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލާފަ އެވެ. އެހެންނަމަވެސް އޭގެ ދެ މިނެޓް ފަހުން ވިކްޓަރީގެ އިބްރާހިމް ނާޒިމް ވަނީ ނިއުގެ ގޯލް ތެރެއަށް އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 3-1 ލަނޑަށް ބަދަލުކޮށް، އަލުން ދެ ލަނޑުގެ ލީޑެއް ނަގާ މެޗް ކާމިޔާބު ކޮށްފައެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ. އެގޮތުން ފުރަތަމަ ބުރުން ދެ ވަނަ ބުރަށް ކޮލިފައިވީ ނިއު ރޭޑިއްންޓް، ވިކްޓަރީ، ވީބީ، މާޒިޔާ އަދި ވެލެންސިޔާ އެވެ.
ދެ ވަނަ ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހޭނެ އެވެ. އެގޮތުން އެންމެ ރަނގަޅު ދެ ޓީމު ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާ އިރު، މެޗުން ބަލިވާ ޓީމް ތިން ވަނަ އަދި ހަތަރު ވަނަ ޓީމް ބައްދަލުކުރާމެޗުން މޮޅުވާ ބަޔަކާއި ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނެ އެވެ.
މިމުބާރާތުގައި މާދަމާވެސް މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، މާދަމާ ހަވީރު 16:35 ގައި ބައްދަލުކުރާ ދެ ޓީމަކީ މާޒިޔާ އާއި ވެލެންސިޔާ އެވެ.