24 Jan 2018, 21:35
މިމަހުގެ ނުވަ ވަނަ ދުވަހު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބު އަންސާރީގެ ގާތިލު އިއްޔެ ހައްޔަރުކުރި ހަބަރު އިއުލާންކުރުމަށްފަހު ޕާކިސްތާނުގެ ޓީވީ ހޯސްޓަށް ކަރުނަ ނުހިފެހެއްޓި ރޮވިއްޖެ އެވެ.
މިމަހުގެ ހަތަރު ވަަނަ ދުވަހު ޤުރުއާން ކުލާހަށް ދިޔަ މަގުމަތީގައި ވަގަށް ނަގައި ޒައިނަބު ރޭޕްކޮށް މަރާލުމާ ގުޅިގެން ހައްޔަރުކުރީ ޒައިނަބުގެ އާއިލާއާ ގާތްތިމާގެ މީހެކެވެ. އިމްރާން ނަމަކަށް ކިޔާ އެމީހާ ވަނީ ހައްޔަރުކުރުމުން އެކަމަށް އިއުތިރާފް ވެސް ވެފައެވެ.
ޒައިނަބުގެ ގާތިލް ހައްޔަރުކުރި ހަބަރާއެކު ޕާކިސްތާނުގެ ޓީވީއެއް ކަމަށްވާ ސަމާ ޓީވީގެ އެންކާރ ކިރަން ނާޒްއަށް ނުހިފެހެއްޓި ރޮވުނު އިރު އޭނާ އިނީ ޒައިނަބަށް އިންސާފު ހޯދައިދީ އިނގިރޭސިން ޖަހާފައިވާ ޓީޝާޓެއް ލައިގެންނެވެ.
ޒައިނަބުގެ ގާތިލްގެ ވާހަކަ ދައްކަމުން ޓީވީ ހޯސްޓް ބުނީ، ޒައިނަބުގެ ގާތިލް ހައްޔަރުކުރެވުނީ ޕާކިސްތާނުގެ ރައްޔިތުން އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ޕްރެޝަރު ކުރުމުގެ ނަތީޖާއަކުން ކަމަށެވެ.
"އަހަންނަށް މިހާރު ޒައިނަބު ގާތު ބުނެވޭނެ އޭނާއަށްޓަކާ އަހަރެމެން އަޑު އުފުލައި ގާތިލް ހައްޔަރުކުރުމަށް އިދާރާތަކަށް ޕްރެޝަރުކުރީމޭ. އަދި ގާތިލް ދަންވެސް ޖައްސާނަން،" ހޯސްޓް ކިރަން ނާޒް ބުންޏެވެ.
ކިރަން ނާޒް ބުނި ގޮތުގައި، ޒައިނަބުގެ ރޭޕްގެ މައްސަލަ އޭނާ ބެލީ އޭނާގެ އަމިއްލަ އަންހެން ދަރިއެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. އަދި ޒައިނަބުގެ ގާތިލް ހައްޔަރުކުރުމުން އަމިއްލަ ދަރިއަކަށް އިންސާފު ލިބުނުކަމުގެ އިހުސާސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ.