ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރީގެ ޑިރެކްޓަރު އޮފް ނާސިންގެ މަގާމުގައި ހުރި މަރިޔަމް އާތިފާ އެ ހޮސްޕިޓަލާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އާތިފާ ވަނީ އޮސްޓްރޭލިއާގެ ހޮސްޕިޓަލެއްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައިވާ މެލޭޝިއާގެ ރަމްސޭ ގުރޫޕުން ވަޒީފާ ހުށަހެޅުމުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައިސް އެ ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަން ފަށައިފަ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރި އެވެ. އޭނާ ވަޒީފާއިން ވަކިކުރީ ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ތިން މަސް ދުވަހުގެ ނޯޓިސް ވެސް ދިނުމެއް ނެތި ކަމަށް ސަން އަށް ވަނީ އެނގިފައެވެ.

އެކަމާ ގުޅިގެން އާތިފާ ވަނީ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންނުވާކަމަށް ނިންމައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޓްރައިބިއުނަލްއިން މައްސަލަ ވަނީ ބޭރު ކޮށްލައިފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، ވަޒީފާއިން ވަކިކުރި މައްސަލަ އާތިފާ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ބައްދަލުވުން އަންނަ ހަފްތާގެ އަންގާރަ ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ތަކެއް ބޮޑު ހަރަދެއްް ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވަން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.

ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކޮށްގެން އިމާރާތްކުރި އެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ހުރެ އެވެ.

އެގޮތުން ކޮންމެ ބަލި ދެ މީހަކަށް 30 ކޮޓަރި އާއި އެކަކަށް ޚިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރި އާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ވެސް އެތަނުގައި ހުރެ އެވެ.