މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މާލޭގައި ހިންގި ގޭންގު މާރާމާރީއެއްގައި ވ. ކެޔޮދޫ ދޭލިޔާގެ މޫސާ އަހުމަދު މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުނަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ކުރިމިނަލް ކޯޓުން ދީފިއެވެ.

މޫސަ މަރުވެފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިންގި ގޭންގު މާރާމަރީއެއްގައި ވަޅިން އޭނައަށް ދިން ހަމަލާގެ ސަބަބުންނެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މޫސަ މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ އދ. މާމިގިލި ސޭޑީ ގްރޫވް އުމުރުން 18 އަހަރުގެ ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ މަގްބޫލު ސަބަބެއްނެތި އާއްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް އުފުލާފައެވެ.

ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައި ވަނީ މ. ދިއްގަރު ދެބުދާރުގެ އުމުރުން 28 އަހަރުގެ އަހުމަދު އިޖާދު މުހައްމަދު އާއި ނ. ޅޮހި ކަނީރުމާގެ އުމުރުން 24 އަހަރުގެ މުހައްމަދު ރިޔާޒު އާއި ސ. ހިތަދޫ މުޑުދާސްގެ އަލީ ހަސަންގެ މައްޗަށެވެ.

އެމައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ދެކުއްޖަކާއި އިތުރު މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެގޮތުން ސ. ހިތަދޫ ގުލްބަކާގެ އުމުރުން 21 އަހަރުގެ މުހައްމަދު ނާޒިފް ނާޒިމްގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީހިންގުމުގެ ދައުވާއެވެ.

މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ފަސް މީހުން ވެސް ބުނެފައިވަނީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ. އަދި ގާޒީ ވަނީ އެ ފަސް މީހުނަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ދީފައެވެ.