އިންޑިއާގެ 'ކްރީޓީކުންނަށް' ހާއްސަކޮށް އަންގާރަ ދުވަހުގެ ރޭ ވަނީ "ޕަދްމާވަތު"ގެ ޝޯވް އެއް ބާއްވައިފައެވެ.

ޝޯވް ބެލި ހުރިހާ އެންމެންވެސް ބުނަނީ ފިލްމަކީ 'މާސްޓާޕީސް" އެއް ކަމަށެވެ.

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތު" ވެގެން ގޮސްފައިވަނީ އެ ފިލްމު ބެލި އެންމެންނަށް ވެސް ވަރަށް ކަމުދިޔަ ފިލްމަކަށެވެ. އެންމެން ވެސް ބުނަނީ ހަމަ ދާދި އެއް ވާހަކަ އެކެވެ. "ޕަދްމާވަތު"ގެ މޮޅު ވާހަކައެވެ. މިއިން ޒަމާނަކުވެސް މި ވަރުގެ ފިލްމެއް ނުބަލާ ކަމަށް އެ މީހުން ބުންޏެވެ.

ޓްރޭޑް އެނަލިސްޓް ތަރަޝް އާދަޝް ބުނާ ގޮތުގައި ފިލްމަކީ މާސްޓާޕީސްއެކެވެ. ފިލްމުގެ 'ފީކަޅާ' އެއްވެސް ތަންކޮޅެއް ނުފެންނަ ކަމަށާއި ފިލްމަށް ކޮށްފައި ހުރި ބުރަ މަސައްކަތް ފިލްމުން ދައްކުވައިދޭ ކަމަށެވެ.

ފާޑު ކިޔުންތެރިންގެ ތައުރީފް ވެސް ޕަދްމާވަތުއަށް

ބީބީސީގެ އެންޓަޓެއިންމަންޓް ރިޕޯޓަރު ހާރޫން ރާޝިދު ބުނީ މި ވަރުގެ ފިލްމެއް އޭނާގެ މުޅި ހަޔާތުގައި ވެސް ނުބަލާ ކަމަށެވެ. ފިލްމުގައި ހަރަކާތްތެރިވާ މުހިއްމު ތިން ތަރިންގެ އެކްޓަށް އޭނާ ވަނީ ސާބަށް ދީފައެވެ. "ފިލްމު ނޭޅުވި ގިނަ ދުވަސްތަކެއް ވީ ނަމަވެސް އެ ހަމަ ވޯތު. މި ވަރުގެ ފިލްމެއް ނުބެލޭ،" އޭނާ ބުންޏެވެ.

އީސްޓަން އައިގެ އެންޓަޓެއިންމަންޓްް އެޑިޓަރު އަސްޖަދު ބުނީ ފިލްމަށް ގިނަ އެވޯޑް ތަކެއް ލިބޭނެ ކަމަށާއި އެ ފިލްމަކީ ފުރިގެންވާ އެވޯޑްތަކެއް ލިބޭނެ ފިލްމެއް ކަމަށެވެ. "ބެސްޓް އެކްޓަރު، ބެސްޓް އެކްޓްރަސް، ބެސްޓް ސަޕޯޓިން އެކްޓަރު، ބެސްޓް ވިލިއަން، ބެސްޓް ފިލްމު އަދި ބެސްޓް ޑައިރެކްޓް ވެސް ލިބޭނީ ހަމަ ޕަދްމާވަތް އަށް. އެ އަހަރެން ޔަގީންކޮށް ނިންމައިފިން،" އޭނާ ބުންޏެވެ.

ކްރިޓީކުން ބުނަމުން ދަނީ "ޕަދްމާވަތު" ވެގެންދާނީ މުޅި ބޮލީވުޑަށް ވެސް ގެނުވާނެ ބޮޑު އިންގިލާބެއް ކަމަށެވެ.

"ޕަދްމާވަތު" ވެގެންދާނީ ހަނދާނުން ފުހެލަން ދަތި އާސާރީ ފިލްމަކަކަށް ކަމަށް އެ މީހުން ބުނެއެވެ. ގިނަ ފިލްމު ތަކެއްގެ އެވޯޑް ލިބުނު ފިލްމުތަކުގެ ރިކޯޑް އެ ފިލްމުން މުގުރާލާނެ ކަމުގެ ޔަގީންކަން ކްރިޓިކުން ދެއެވެ. ރާޖްޕޫތުންގެ ސަގަފާތާއި ތާރީޚު ވަރަށް ފުރިހަމައަށް މި ފިލްމުގައި ދައްކާދީފައިވާ ކަމަށާއި ފިލްމަކީ އެއްވަނަ ސްޓޭންޑްގެ ފިލްމެއް ކަމަށް އެ މީހުން ބުންޏެވެ.

ޝާހިދަށް ބޮޑު ކާމިޔާބީ އެއް

"ޕަދްމާވަތު" އަށް ގިނަ ކްރިޓީކުން ތައުރީފު ކުރަމުން އަންނަ އިރު ފިލްމީ ވިޔަފާރިވެރިންގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ފިލްމުގެ ސަބަބުން ޝާހިދު ކަޕޫރަށް ކެރިއަރަށް ބޮޑު ކާމިޔާބީ އެއް ލިބިގެންދާނެއެވެ.

ވޭތުވެދިޔަ ތިން އަހަރު ޝާހިދުގެ ތިން ފިލްމަކަށް މާ ބޮޑު ތަރުހީބެއް ލިބިފައި ނުވާއިރު "ޕަދްމާވަތު"ގެ ސަބަބުން އެކަން އެއްކޮށް ފޫބައްދާލާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ. ޝާހިދުގެ އެއްވެސް ފިލްމަކަށް މިހާތަނަށް އެއް ބިލިއަން ރުޕީސް ލިބިފަ ނުވި ނަމަވެސް "ޕަދްމާވަތު"ގެ ސަބަބުން އެކަން ބަދަލުވެގެންދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

"ޕަދްމާވަތު" އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށް ވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ. ފިލްމުގައި ޝާހިދު އަދި ދީޕިކާގެ އިތުރުން ހަރަކާތްތެރިވާނީ ރަންވީރް ސިންހެވެ. ގިނަ ދުވަސްތަކެއްގެ އިންތިޒާރަށް ފަހު މިއަދު ފިލްމު ރިލީޒްކުރާނެއެވެ.