16 Aug 2011, 22:52
އިޓަލީގެ އިންޓަމިލާނުން ހުށަހެޅުމެއް ލިބިފައިވާ ކަމަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުންދާ އުރުގުއޭގެ 32 އަހަރުގެ ތަރި ޑިއޭގޯ ފޯލާން ބުނެފި އެވެ.
އެތްލެޓިކޯ މެޑްރިޑްގެ އުރުގުއޭ ތަރި ޑިއޭގޯ ފޯލާން ހޯދުމަށް ބޮޑެތި ކްލަބް ތަކަކުން ވެސް އެކިފަހަރު މަތިން މަސައްކަތް ކޮށްފައިވާ އިރު، މިދިޔަ ސީޒަންގެ މެދުތެރޭގައި އިނގިރޭސި ކްލަބް ޗެލްސީއިން ވެސް ފޯލާން ގެންދިއުމަށް ވާހަކަ ދެކެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ.
އެތްލެޓިކޯ މެޑްރިޑް ދޫކޮށް ދިއުމަށް މިދިޔަ ސީޒަނުން ފެށިގެން ވިސްނަމުންދިޔަ ފޯލާން އިންޓަމިލާނާއި ގުޅޭނެކަމަށް ދާދިފަހުން ރިޕޯޓްތައް ބުނަމުންދިޔަ އެވެ.
އިންޓަމިލާނުން ވަކިވާނެ ކަމަށް ވާހަކަ ދެކެވޭ ކެމަރޫން ފޯވާޑް ސެމުއަލް އެޓޫ ގުޅޭނެކަމަށް ބޮޑަށް ބެލެވެނީ ރަޝިޔާ ކްލަބް އަންޒީއާ އެވެ. އަންޒީއާ އެޓޫ ގުޅިއްޖެ ނަމަ ފޯލާންގެ މުހިންމުކަން އިންޓައަށް ބޮޑުވެގެންދާނެ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މިސީޒަންގައި އެތްލެޓިކޯ މެޑްރިޑުން މުހިންމު ދެކުޅުންތެރިއެއް އެކްލަބް ދޫކޮށްފައިވެ އެވެ. އެގޮތުން 18 މިލިޔަން ޕައުންޑަށް އެކްލަބުގެ ކީޕަރު ޑިޖިއާ މެންޔޫއަށް ގެންދިޔައިރު، ފޯވާޑް އަގުއެރޯ މެންސިޓީއަށް ގެންދިޔައީ 38 މިލިޔަން ޕައުންޑަށެވެ. މިދެކުޅުންތެރިންގެ ބަދަލުގައި އެތްލެޓިކޯ މެޑްރިޑަށް ކުޅުންތެރިއެއް ނުހޯދިފާވާއިރު ޕޯޓޯއިން ފަލްކާއޯ ހޯދުމަށް މަސައްކަތްކުރާނެކަމަށް އެކްލަބުން ބުނެފައިވެ އެވެ.
"އިންޓަމިލާނުން އަހަރެންނަށް ހުށަހެޅުމެއް ލިބިފައިވޭ. އެކްލަބާއި ގުޅިއްޖެނަމަ އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް ވެގެންދާނެ. ތުރުކީ ކްލަބް ގަލަތަސަރާއީ ފިޔަވައި އެގައުމުގެ އެހެން ކުލަބަކުން ހުށަހެޅުމެއް ލިބިފައެއް ނުވޭ." ފޯލާން ބުންޏެވެ.