ރާއްޖޭގައި ކޮމާޝަލް ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޔޫއޭއީގެ އަބޫދާބީ އޭވިއޭޝަން ގްރޫޕުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)ގެ މިދިޔަ ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، އަބޫ ދާބީ އޭވިއޭޝަން ގްރޫޕުން ރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް ފެށުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

މަޓީގެ ރިޕޯޓުގައި ބުނެފައިވަނީ، އެ ކުންފުނީގެ ޕްރޮޕޯސަލްއާ ގުޅިގެން މަޓީގެ ބޯޑު މެމްބަރުން އެކުންފުންޏާ ބައްދަލުކޮށްފައިވާ ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން، އަބޫ ދާބީ އޭވިއޭޝަން ގްރޫޕުން ވަނީ ރާއްޖޭގައި ފަތުރުވެރިންނަށް ހެލިކޮޕްޓަރު ޓެކްސީ ޚިދުމަތް ދިނުމަށާއި، ހެލިކޮޕްޓަރު އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ހުށަހަޅާފައެވެ.

އެކަމާ ބެހޭ އިތުރު ތަފްސީލެއް މަޓީގެ ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ.

އަބޫ ދާބީ އޭވިއޭޝަން ގްރޫޕަކީ މެދުއިރުމަތީގެ އެންމެ ބޮޑު ކޮމާޝަލް ހެލިކޮޕްޓަރު އޮޕަރޭޓަރެވެ.

ގިނަ އަހަރުތަކަކަށް ފަހު، ރާއްޖޭގައި ކޮމާޝަލް ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ދޭން ފަށަން ނިންމާފައިވާކަން އިއުލާނުކުރީ 2016 ވަނަ އަހަރުގެ ފަހުކޮޅު، ެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ދުވަސް ފާހަގަކުރުމަށް 2016 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ފަތުރުވެރިކަމާއި އެހެނިހެން އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދޭނެ، ހުއްދަ ދެވޭނެ ފަދަ ގޮތަކަށް ގަވައިދުތަކަށް އިސްލާހުތައް ގެންނަމުން ދާކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހުރިހާ ކަމެއް ޕްލޭނުގެ ދަށުން ހިނގަމުން ދާ ނަމަ، އަޅުގަނޑުމެން ވަރަށް އަވަހަށް މި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ހިންގުމަށް އެކި ފަރާތްތަކަށް ފުރުސަތު ހުޅުވާލާނަން. މިހާރު ވެސް ވަރަށް ރަނގަޅު ޕްރޮޕޯޒަލްތައް ސަރުކާރަށް ދަނީ ލިބެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންތައްް ފެށުމަށްޓަކައި ހަދަންޖެހޭ ރިވިއުތަކާއި ދިރާސާތައް ހެެދުމަށް މިދިޔަ އަހަރުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ ވެސް ހަމަޖައްސާފައިވެއެވެ.