25 Jan 2018, 08:39
ޗެލްސީ ކަޓުވާލައި އާސެނަލް އިނގިރޭސި ލީގު ކަޕުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އިނގިރޭސި ލީގު ކަޕުގެ ސެމީފައިނަލް ދެވަނަ ލެގުގައި ރޭ ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 0-0ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ރޭގެ މެޗުން މޮޅުވެ އާސެނަލް ފައިނަލަށް ދަތުރުކުރީ 2-1ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި އާސެނަލްގެ ޖެކް ވިލްޝެއާ --- ފޮޓޯ/ އޭޕީ
ރޭގެ މެޗު ފެށިގެން މާ ގިނައިރެއްނުވެ ޗެލްސީން ލީޑު ނެގިއެވެ. ޗެލްސީއަށް މެޗުގައި ލީޑު ނަގައިދިނީ އެޓީމުގެ ތަރި އެޑިން ހަޒާޑެވެ. ހަޒާޑްގެ ގޯލާއެކު ޗެލްސީއަށް ހަމަޖެހި ނުލެވެނީސް އާސެނަލްވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އާސެނަލްގެ ޑިފެންޑަރު ނަޗޯ މޮންރެއާލް ބޮލުން ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށްވަނީ ޗެލްސީގެ ޑިފެންޑަރު ޓޮނީ ރުޑިގާގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފް 1-1 އިން އެއްވަރުވެގެން ނިމުނުއިރު، މެޗުގައި ފެނުނީ ދެޓީމުގެ ފަރާތުންވެސް އެޓޭކިންގް ކުޅުމެކެވެ. ރޭގެ މެޗުގައި ޗެލްސީއާ އަލަށް ގުޅުނު މިޑްފީލްޑަރު ރޮސް ބާކްލޭ ފެނިގެން ގޮސްފައިވެއެވެ.

ޗެލްސީއާ އަލަށް ގުޅުނު ރޮސް ބާކުލޭ --- ފޮޓޯ/އޭޕީ
އާސެނަލްއަށް މެޗުގައި ލީޑު ނަގައިދިނީ ގްރަނިޓް ޒަކާއެވެ. އޭނާގެ ގޯލް ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައެވެ.
ލީގު ކަޕުގެ ފައިނަލްގައި އާސެނަލް ވާދަކުރަންޖެހޭނީ މެންޗެސްޓާ ސިޓީއާއެވެ. މިއީ އާސެނަލް ލީގު ކަޕުގެ ފައިނަލަށް ދަތުރުކުރި އަށްވަނަ ފަހަރެވެ. ލީގު ކަޕުގެ ފައިނަލް އޮންނާނީ އަންނަ މަހު 25 ވަނަ ދުވަހުގައެވެ.