24 Jan 2018, 17:29
މާލީ ދަތިކަން ދިމާވެފައިވާ ވިލާ ގްރޫޕުގެ ހަރަދު ކުޑަ ކުރަން ވިލާއެއާގެ ބައެއް މުވައްޒަފުން ވަކި ކުރަން ނިންމައި، އެ ނިންމުން އެކުންފުނީގެ މުވައްޒަފުންނަށް އަންގައިފިއެވެ.
ވިލާ ގްރޫޕަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ވިލާއެއާގެ ހުރިހާ މުއައްޒަފުންނަށް، މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ނާޝިދު ސޮއި ކުރައްވައި، ސާކިއުލާއެއް ފޮނުވައިފައެވެ. އެ ސާކިއުލާގައި ވަނީ، ކުންފުނި ރީސްޓްރަކްޗާ ކޮށް، ހަރަދުތައް ކުޑަކޮށްގެން ނޫން ގޮތަކަށް ކުންފުނި ދެމެހެއްޓޭނެ ކަމަށް ނުފެންނާތީ ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ދުވަހުން ދުވަހަށް ބަލައި، ހަރަދު ކުޑަ ކުރުމުގެ މަސައްކަތް އެ ކުންފުނީގެ ބޯޑުން ފަށާފައިވާ ކަމުގެ ވާހަކައެވެ.
އެގޮތުން ކުންފުނީގެ ދަތުރުތަކަށް ބޭނުންވާ ބޯޓުތަކާއި ދަތުރުކުރެވޭ އެއާޕޯޓުތަކާއި ކުރެވޭ ދަތުރުތަކަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ތިބި ކަމަށް އެ ސާއިކުލާގައި ބުނެފައިވެއެވެ. އެހެންކަމުން އިތުރަށް ތިބި މުވައްޒަފުން ދޫކޮށްލުމަށް މަޖުބޫރު ވެފައިވާ ކަމަށާއި 28 ނޮވެމްބަރު 2017 އިން ފެށިގެން އެގޮތަށް ފިޔަވަޅު އަޅުމުން ގެންދާނެ ކަމަށް ހުރިހާ މުވައްޒަފުންނަށް އަންގާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.
ސާކިއުލާގައި އިތުރަށް ބުނެފައި ވަނީ ކުންފުންޏަށް އާމްދަނީ ލިބެނީ މަތިންދާބޯޓުތަކުގައި ފަސިންޖަރުން އުފުލައިގެން ކަމަށާއި، އެކި ސަބަބުތަކާ ހުރެ ބޯޓްތަކުގައި އުފުލާ ފަސިންޖަރުން އިތުރު ނުކުރެވި، އާމްދަނީ ލިބުމަށް ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މުވައްޒަފުންނަށް މުސާރަ ދެމުން ގެންދަނީ ލޯނާއި އެހެނިހެން ގޮތްގޮތުން ފައިސާ ހޯދައިގެން ކަމަށްވެސް ސާކިއުލާގައި ވެއެވެ.
މިދިޔަ އަހަރު މޭ މަހު އިތުރު ބޯޓެއް ގެނެސް އައްޑޫ ސިޓީ ގަމަށް ދަތުރު ކުރުމުގެ ހުއްދައަށް އެދުމުން ހުއްދަ ލިބިފައިނުވާތީ ދަތުރުތައް ވަނީ ނުފެށިފައި ކަމަށް ސާކިއުލާގައި ވެއެވެ. އަދި ވިލާއެއާއިން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ސަރުކާރުން އުވާލައި އެއާޕޯޓް އަަތުލުމާއި، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެގްރީމަންޓް ކުރެވިފައިވާ ބ. މެންދޫ އެކުންފުންޏަށް ނުދިނުމުގެ ސަބަބުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިލާ އެއާގެ ސާކިއުލާގައި ވެއެވެ.
މިކަމާ ގުޅޭގޮތުން ފްލައިމީގެ އޮފިޝަލެއްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ވިލާ ގްރޫޕަށް ކުރިމަތިވި މާލީ ދަތިކަމުގެ ސަބަބުން، ވިލާގެ ދަށުން ހިންގާ ވީމީޑީއާގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެއްފަހަރާ 15 މުވައްޒަފަކު މިދިޔަ މަހުގެ ތެރޭގައި ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ވިލާ ގްރޫޕްގެ ޗެއާމަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ބޭސްފަރުވާއަށް ކަމަށް ބުނެ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު މިހާރު ގާސިމް ހުންނެވީ ޖަރުމަނު ވިލާތުގައެވެ.