16 Aug 2011, 22:20
ކުރެއްދޫ ރިސޯޓްގައި ހިނގި އެކްސިޑެންޓްގައި ޒަހަމުވި، އަދި އެކްސިޑެންޓްވި އުޅަނދު ދުއްވި ފިލިޕް ޕީޓާ،23، އޭޑީކޭ ހޮސްޕިޓަލުގައި ހަފުތާއެއްހާ ދުވަހު އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ފިލިޕްގެ ފަރުވާ އަށް އެއްވެސް ވަރަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހުރަސްއަޅާފައި ނުވާނެ ކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.
ފިލިޕްގެ ފަރުވާ އަށް އޭނާ ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ އަށް އާއިލާ އިން އެދުނު ކަމަށާއި ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފެއްޓީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހު ކޯޓުއަމުރަކުން ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެ އެކްސިޑެންޓާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެކްސިޑެންޓް ހިނގާފައި ވަނީ ކިންގް ކުއަޑް 700 ބައިކް ދެ ޓޫރިސްޓުންނާ އަދި ޑްރައިވަރާ އެކު ދުއްވާފައި ދަނިކޮށް މަގުގެ މެދުގައި ހުރި ގަހެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެ މަރުވި ދެ ޓޫރިސްޓުންނަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ވަގުތުން އެ ދެމީހުން މަރުވެފައިވާ ކަމަށާއި އެހެން ކަމުން އެހެނިހެން އެފަދަ މައްސަލަތަކެކޭ އެއްފަދަ އިން އެ މައްސަލަ ތަހުޤީޤްކުރަމުން ދަނީ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުންޏެވެ.
ނަމަވެސް ޕޮލިސް ސާވިސް އިން ބުނީ އެއެކްސިޑެންޓްގައި އުޅަނދު ދުއްވަން އިން މީހާ އަށް "އަނިޔާވެފައިވާ ކަމަށް ބެލެވިފައިވާތީ" އޭނާ ކުރެއްދޫ ރިސޯޓުން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެވެމުން ދިޔައިރު އޭނާގެ ފަރުވާއަށް ހުރަސް އެޅިދާނެ ފަދަ އެއްވެސް އަމަލެއް އެ ސަވިސް އިން ކޮށްފައި ނުވާނެ ކަމަށެވެ.
ޕޮލިހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް އުޅަނދު ދުއްވި ފަރާތް ރާއްޖެ އިން ފުރައިގެން ދިއުން މަނާކުރުމަކީ އެސަވިސް އިން އޭނާ އަށް އަނިޔާވެރިވުމުގެ ގޮތުން ނޫން ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ މަރު އެކުލެވޭ އެފަދަ ބޮޑެތި މައްސަލަތައް ތަހުގީ ކުރަމުންދާ އިރު "ހަގީގަތް އޮޅި ތަހުގީގަށް ހުރަސްއެޅޭ ފަދަ މަޢުލޫމާތު" ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.