ވިލާ ގުރޫޕުގެ ރިސޯޓުތަކަށް އެރި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންގެ ވަކި ވަކި ނަންތައް ހާމަކުރުމަކީ ބިރުދެއްކުމުގެ އަމަލެއް ކަމަށާއި، އެ މައްސަލަ ބަލަންޖެހޭ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ވަކި ވަކި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންގެ ނަން ހާމަ ކުރި މައްސަލައިގައި ފުލުހުންނާއި ކަސްޓައިމްސްއިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެް ނެރިފައެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ވަކި ވަކި ފުލުހުންގެ ނަންތައް އެގޮތަށް ހާމަ ކުރުމަކީ ޕީޕީއެމުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ހަގީގަތުގައި މިފަދަ ކަންކަމަކީ ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ ކަންތައްތަކަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެއް. އެކަން ކަމަކީ އަޅުގަނޑުމެން ޕާޓީގެ ފަރާތުން ކުށްވެރި ކުރާ ކަމެއް،" ޚަލީލް ވިދާޅުވި އެވެ.

މާޒީއަށް ބަލާލި ނަމަވެސް އެމްޑީޕީގެ ފަރާތުން ފުލުހުންނާ ސިފައިންގެ ނަންތައް ހާމަ ކުރުމުގެ ސަބަބުން ސީދާކޮށް އެ ފުލުހުންގެ އާއިލާތަކަށް ފުރައްސާރަކުރުމުގެ ކަންކަން ހިގާފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ވަކި ވަކި ފުލުހުންނާއި މުއައްސަސާތަަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ނަން ހާމަކޮށް، އަގު ވައްޓާލަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ.

ފުލުހުންނާ ސިފައިން ވިޔަސް، އަދި ކަސްޓަމްސްގެ އޮފިސަރުން ވިޔަސް އެމީހުން ކުރާ ކަމެއް ކުރަނީ ގާނޫނުން ބާރު ލިބިގެން ކަމަށް ނިހާން ވިދާޅުވިއެވެ. އެއީ ވަކި ފަރުދެއްގެ ގޮތުގައި އެމީހަކު ކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ޕީޕީއެމުން ގަބޫލުކުރާ ކަމެއް ނޫން ތަންފީޒީ އިދާރާތަކުގައި ޖިނާއީ ތަހުގީގު ކުރުމުގެ ބާރު އޮތް ފަރާތްތަކުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލުމަށް، މަސައްކަތަށް ހުރަސް އެޅުމަށް ]އަދި[ ބިރު ދެއްކުމުގެ ގޮތުން ކުރެވޭ މިޒާތުގެ ކަންކަމަކީ" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ފުލުހުންގެ ނަން އެގޮތަށް ހާމަ ކުރުމުގެ ސަބަބުން ބައެއް ފުލުހުންގެ ފުރާނަ ދުނިޔެއިން ވަކިވެ ގޮސްފައިވާ ކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

ބައެއް މައްސަލަތައް ފުލުހުން ނުބަލައި އާންމުން ކުށްވެރިކޮށް ވާހަކަ ދައްކަވާ ކަމަށް ބުނެ ނޫސްވެރިން ސުވާލު ކުރުމުން ނިހާން ވިދާޅުވީ ފުލުހުންވެސް ހުރިހާ ކަމެއް ކުރައްވަނީ ރަނގަޅަށް ކަމަށް ނުދަންނަވާ ކަމަށެވެ. އަދި ނުބަލައި ގިނަ ދުވަސްވީ މައްސަލަތަކާއި ގާނޫނާ ހިލާފު ވެގެން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ވެސް އަވަހަށް ބަލަންޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ގާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކަށް ބިރު ދައްކައި، މަސައްކަތަށް ހުރަސް އެޅުމަކީ ޕީޕީއެމުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ކުންފުނިތަކުން ގާނޫނާ ހިލާފުވުމުން އެކަން ބަލާނީ ފުލުހުންކަން ފާހަގަކޮށް، އަލީ އާރިފް ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސްގެ ޑިއުޓީއަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.