ބާލިން (ޖެނުއަރީ 24): ޖަރުމަނުގައި ހެލިކޮޕްޓަރަކާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ޖެހި ހަތަރު މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ފިލިޕްސްބާގް ކިޔާ ޓައުނެއް މަތިން އެހާދިސާ ހިނގީ މީހުން ސަލާމަތް ކުރަން ބޭނުން ކުރާ ހެލިކޮޕްޓަރެއްގެ ތަމްރީނުތައް ކުރިއަށް ދަނިކޮށް ކަމަށް އެއާ ރެސްކިއު އޯގަނައިޒޭޝަން (ޑީއާރުއެފް)އިން ބުންޏެވެ.

ފިލިޕްސްބާގްގެ ފުލުހުން ބުނި ގޮތުގައި އެހާދިސާގައި މަރުވެފައި ވަނީ ހެލިކޮޕްޓަރުގައި ތިބި ދެ ޕައިލެޓުންނާއި މަތިންދާބޯޓުގައި ތިބި ދެ މީހެކެވެ. ނަމަވެސް އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ޔަގީން ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާ ހިނގި ފިލިޕްސްބާގަކީ ނިއުކްލިއާ ޕަވާ ޕްލާންޓެއް ހިންގާ ސަރަހައްދެކެވެ. އަދި މިއަދު ހިނގި އެކްސިޑެންޓުގެ ސަބަބުން ޕަވާ ޕްލާންޓަށް ގެއްލުމެއް ވެފައި ނުވާ ކަމަށް ޖަރުމަނުގެ ނޫސްތަކުން ބުނެއެވެ. (ބީބީސީ)