މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން 511 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޭސީސީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ 2016 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 98 ޕަސެންޓް އިތުރު އަދަދެކެވެ. 2016 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ތެރޭގައި އެ ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 258 މައްސަލައެވެ.

އޭސީސީން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ ދެ މައްސަލައެއް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ތެރޭގައި ނިންމާފައިވާ އިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ ހަތް މައްސަލައެކެވެ.

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 511 މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 509 މައްސަލައެވެ. 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 251 މައްސަލައެއް އެކަށީގެންވާ ހެއްކާއި ގަރީނާ ނެތިގެން ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ތެރޭގައި ބަލާ ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 71 އިދާރާއަކަށް، އިސްލާހުކުރުމަށް 108 އެންގުމެއް އަންގާފައިވާއިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާތާކަށް އިސްލާހުކުރުމަށް އެންގިފައިވަނީ 111 އެންގުމެކެވެ.